އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގައި މީގެ ކުރިން މަސައްކަތް ކުރެއްވި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމާ ގުޅީގެން ހައިކޯޓުގައި މިހާރު މަސައްކަތްކުރަމުންދާ ފަނޑިޔާރު ޝުޖާއު އުސްމާން އެ މަގާމަށް ހަމަޖައްސައިފި އެވެ.

ޝުޖާއު އުސްމާނު ހައިކޯޓުގެ ދެކުނު ގޮތްޕަށް ހަމަޖައްސައި ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ނެރުނު ގަރާރުގައު ވަނީ އެކަން އިއުލާނުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ގަރާރުގައި ބުނެފައި ވަނީ ޝުޖާއު އުސްމާނު ހައިކޯޓު ދެކުނު ގޮތްޕަށް ކަނޑައަޅާފައި ވަނީ މިއަދު ބޭއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަމަށެވެ.

ހައިކޯޓު ފަނޑިޔާރު ކަމުން ޑރ. އަޒްމިރަލްދާ އިސްތިއުފާ ދެއްވާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އަޒްމިރަލްދާ އިސްތިއުފާ ދެއްވައި ޖޭއެސްސީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވީ "އިސްތިއުފާ ދިނުމަށް އަމަލީ ގޮތުން މަޖުބޫރު ކުރުވާފައިވާތީ" ކަމަށެވެ.

ސްޕްރީމް ކޯޓުން ނެރުނު ދަށުން ހައި ކޯޓުގައި ހުރި ހަމައެކަނި އަންހެން ފަނޑިޔާރު އަޒްމިރަލްދާ، ހައި ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލު ކުރީ ޖޫން 22، 2015 ގަ އެވެ.

ހައި ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލު ކުރެއްވި ފަނޑިޔާރު ޝުޖާއު އުސްމާނު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ހުޅޫމާލޭ ކޯޓުގައި ކުރިއަށް ގެންދިޔައިރު ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރުކަން ކުރައްވާފަ އެވެ. އަދި އޭގެ ފަހުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވެ އެވެ. އޭނާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގައި ހޭދަ ކުރެއްވި މުއްދަތުގައި ބޮޑެތި މައްސަލަތަކެއް ބެއްލެވި އެވެ.

އޭގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ މައްސަލަަ ބެއްލެވި ދަނޑިޔާރުގެ ތެރޭގައި ހިމެނޭއިރު، ނަޝީދަށް ހުކުމް އިއްވި ތިން ފަނޑިޔާރުންގެ ބެންޗުގައި ވެސް ސުޖާއު ހިމެނިވަޑައިގަންނަވަ އެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝުޖާއު އުސްމާނު އައްޔަން ކުރައްވާފައި ވަނީ މިދިއަ އަހަރުގެ އަށްވަނަ ދުވަހު އެވެ.