ސާކް ސަމިޓް ބާއްވަން އައްޑޫ ސިޓީގެ ހިތަދޫގައި ހަދާ ކޮންވެންޝަން ސެންޓަރު ބިނާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބައްލަވާލައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ކޮންވެންޝަން ސެންޓަރު އިމާރާތުގެ މަސައްކަތް ހިނގާ ސަރަހައްދަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވެވި ކަމަށެވެ.

ތިންސަތޭކަ މިލިއަން ރުފިޔާ ހަރަދުކޮށްގެން ސާކްސަމިޓްގެ ޖަލްސާ ބޭއްވުމަށް އައްޑުގައި ގާއިމްކުރާ އެ ސެންޓަރަކީ ދެ ކުނު އޭޝިއާގައި ގާއިމުކުރާ އެންމެ ޒަމާނީ އަދި އެންމެ ފެންވަރު ރަނގަޅު ކޮންވެންޝަން ސެންޓަރަށް ވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެ ސެންޓަރުގެ ބިންގާ، އަޅުއްވައިދެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެވެ.

ކޮމިއުނިޓީ ކެބިނެޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޑު ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ބައެއް މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމުގެ މަޝްރޫއު ކުރިއަށްދާގޮތް ވެސް އިއްޔެ ބައްލަވާލެއްވި އެވެ.