23 May 2016, 15:58
ދާދިފަހުން ސްރީލަންކާ އަށް ކުރި ވިއްސާރާގައި ގިނަ ބަޔަކު ހާލުގައި ޖެހުމުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ފައިސާގެ ރަމްޒީ އެހީއެއް ލަންކާ ސަރުކާރަށް ހަވާލުކޮށްފި އެވެ.
ކޮލަމްބޯގައި ހުންނަ ދިވެހި އެމްބަސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ރަމްޒީ އެހީއަކީ ދިވެހި ސަރުކާރުން ސްރީލަންކާ އަށް ހަވާލު ކުރީ އެ ގައުމަށް ދާދި ފަހުން ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ، ގެދޮރު ހަލާކުވެ، ބަޔަކު ހާލުގައި ޖެހުމުން އެ މީހުންނަށް ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން އެހީވެ ދިނުމުގެ ބޭނުމުގައި ކަމަށެވެ.
ފައިސާގެ ރަމްޒީ އެހީ ސްރީ ލަންކާގެ މިނިސްޓްރަރު އޮފް ޑިޒާސްޓާ މެނެޖްމެންޓް ޕްރިޔާދަރްޝަނާ ޔަޕާ މިއަދު ހެނދު ހަވާލު ކުރީ ލަންކާގެ ޑިޒާސްޓާ މެނެޖްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ފައިސާގެ ރަމްޒީ އެހީ ހަވާލު ކޯށްދެއްވީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު މުޙަންމަދު ސައީދެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ރާއްޖެ އިން ލަންކާ އަށް ވެދެނީ 35،000 ޑޮލަރު (539،700 ރުފިޔާ) އެވެ.
ދިވެހި ރައްޔިތުންގެ ނަމުގައި ވެދެއްވި އެހީ ސްރީ ލަންކާގެ ސަރުކާރުން ވަރަށް ޝުކުރުވެރި ކަމާ އެކު ބަލައިގަތް ކަމަށް ދިވެހި ހައި ކޮމިޝަނުން ބުންޏެވެ.
ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސަޑަރު އައްބާސް އާދިލު ރިޒާ މިއަދު ސަން އަށް ވިދާޅުވީ ދިވެހި ސަރުކާރުގެ ފަރާތުން ވެދިން ރަމްޒީ އެހީގެ އިތުރަށް ކޮލަމްބޯގައި ތިބޭ ދިވެހިން އިސްނަގައިގެން ހާލުގައި ޖެހުނު ލަންކާ ރައްޔިތުންނަށް އެހީވުމަށް ހަރަކާތްތަކެއް ހިންގަމުން އަންނަ ކަމަށެވެ. އޭނާ އެ ގޮތުން ހަނޑުލާއި އަންނައުނާއި ޓޯޗު ބައްތި އާއި ކުޑަ ފަދަ ތަކެތި ހަދިޔާ ކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.