23 May 2016, 16:23
ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ވިޔަފާރީގެ ބޮޑު މަޝްރޫއު ކަމަށްވާ އައިހެވަން މަޝްރޫގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.
ހޯރަފުށީގެ ނަރުދަމާ ނިޒާމު އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ދުވަސްވަރު އައިހެވަންގެ އަޑު ނީވެނީ "އެއީ ހިޔާލީ ފޮލާއަކަށް ވާތީ ނޫން" ކަމަށާއި ކުރަންޖެހޭ ބައެއް ކަންކަން އަދިވެސް ކުރިއަށް ދާތީ ކަމަށެވެ.
"އެ މަޝްރޫއު އިރާދަކުރެއްވިއްޔާ ހަގީގަތަކަށްވާނެ. މި މަޝްރޫގެ އަމަލީ މަސައްކަތް ބިން ހިއްކުމުގެ މަސައްކަތް، ބިން ހިއްކުމުގެ މަސައްކަތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭ ފަށާނަން. މިއަހަރު ހުސްވުމުގެ ކުރިން އަޅުގަނޑުމެން ފަށާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ ރަށްތައް ނުވަތަ ބިން ބޮޑުކޮށްގެން އިތުރު ތަރައްގީތައް ގެނެވިދާނެ ތަނެއް ކަމަށެވެ. އެގޮތުން ބިން ބޮޑުކުރުމަކީ ކުރިއަށް އޮތްތާގައި ރާއްޖޭގެ އިގްތިސާދަށް ނުވަތަ ރައުސުލްމާލަށް އިތުރު ކުރެވޭނެ އެންމެ ބޮޑު ރައުސުލްމާލު ކަމަށާއި ބިން ބޮޑުކުރުމަކީ ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ބޮޑު އިސްކަމެއް ދޭނެ މަޝްރޫއެއް ކަމަށެވެ.
ރައީސް ވިދާޅުވީ ހަރަދުތައް ކުޑަކުރުމަށް ދިވެހި ކުންފުނިތައް ލައްވައި އެފަދަ ބޮޑެތި މަޝްރޫތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި އެކަން މާބޮޑަށް ވެސް މޮޅު އިތުރު ކަމަށާއި ދިވެހި ކުންފުންޏަށް ލިބޭ ކޮންމެ މަޝްރޫއަކީ އިތުރު ވަޒީފާގެ ފުރުސަތުތަކާއި ކުންފުންޏަށް ލިބޭ މާލީ ކުރިއެރުމެއް ކަމަށެވެ. އެހެންކަމުން "ދިވެހިންގެ މުއްސަނދިކަން ބޭރުގެ ކުންފުނިތަކަށް ވިއްކާލަން ނުޖެހޭ" ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ހުރި ކުންފުނިތަކުގެ ތެރެއިން ބިންހިއްކުމާއި ބަނދަރު ހެދުންފަދަ މަސައްކަތްތަކަށް އެންމެ ގާބިލު އެއް ކުންފުންޏަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީ އެވެ. އެ ކުންފުންޏަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ހުޅުމާލެ ބިން ހިއްކި ފަދަ ގާބިލު ކުންފުންޏަކަށް އެމްޓީސީސީ ހައްދަވައިދެއްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ބޭނުންވަނީ ހަތް ހަފްތާ ތެރޭ ހުޅުމާލޭގެ ބިން ހިއްކި ފެންވަރުގެ ކުންފުންޏަކަށް އެމްޓީސީސީ ހަދައިދެވޭތޯ ކުރާ އުއްމީދު. ސަރުކާރުގެ ކުންފުންޏެއް މުއްސަނދި ވެގެން ދިޔާމަ ނުވަތަ ސަރުކާރުގެ ކުންފުންޏަކަށް މިފަދަ ވަސީލަތްތައް އިތުރުވެގެން ދިޔާމަ އެއީ އެމްޓީސީސީގަ ހުންނަ ވެރިއަކު ވަކިވެގެންދާ އިރު ނޫނީ ރައީސް ޔާމީން ވެރިކަމާ ވަކިވެގެން ދާއިރު އަޅުގަނޑު ޖީބަށް ލައިގެން ގެންދާނެ މުދަލެއް ނޫން. އެއީ ރައްޔިތުންނަށްޓަކައި ކުރިއަށް އިންވެސްޓްކުރެވޭ މުދާ،" ރައީސް ޔާމީން ވިދަޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ބިން ހިއްކުމަށް އެމްޓީސީސީއަށް ގަތް ޑްރެޖަރުން އިހެވަންގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނޭތޯ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ މީހުންގެ އަބުރު ކަތިލުމަށް ނޫން ކަމަށާއި ދިވެހި ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ތަރައްގީ ހޯދައިދޭން ކަމަށެވެ.
ހޯރަފުށި ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް ޔާމީން ވިދާޅުވީ 2018ގައި ދެން ހޯރަފުއްޓަށް އަރާނީ ހޯރައެއް ނޫން ކަމަށާއި "އުދުހިފައި އައިސް ދެން ހޯރަފުށީގައި ޖައްސާނީ މަތިންދާ ބޯޓު" ކަމަށެވެ. ރައީސް އެހެން އެ އިޝާރާތް ކުރެއްވީ ހޯރަފުށީގައި އެއާޕޯޓެއް އަޅާނެކަމުގެ ޔަގީންކަން އެ ރަށު ރައްޔިތުންނަށް ދެއްވުމުގެ ގޮތުންނެވެ.