23 May 2016, 14:05
ޑެންގީއަށް އައިޖީއެމްއެޗުން ފަރުވާ ހޯދަމުންދިޔަ 61 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް "ސަން"އަށް މިއަދު ވިދާޅުވީ އޭނާ މަރުވީ އިއްޔެ އިރުއޮއްސުނު ވަގުތު ކަމަށެވެ. މަރުވި މީހާގެ ވަނަވަރު އަދި އާންމެއް ނުކުރެ އެވެ.
މިއީ މިއަހަރު ތެރޭ ޑެންގީ ޖެހިގެން މަރުވި ތިން ވަނަ މީހާ އެވެ.
ޒީނަތު ވިދާޅުވީ އެ އަންހެން މީހާ އެ ހޮސްޕިޓަލަށް ގެނެސްފައި ވަނީ އަތޮޅުތެރޭގެ ރަށަކުން ކަމަށާއި ގެނައިއިރުވެސް ހާލުބޮޑު ކަމަށެވެ. އޭނާ މަރުވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް ޒީނަތު ވިދާޅުވިއެވެ.
މީގެ ދެ ހަފްތާ ކުރިން ވަނީ ޑެންގީ ޖެހިގެން ހަތް މަހުގެ ތުއްތު ފިރިހެން ކުއްޖަކު މަރުވެފަ އެވެ. އަދި ގދ. ފަރެސްމާތޮޑާ ސިއްހީ މަރުކަޒުގައި ޑެންގީ އަށް ފަރުވާ ކުރަމުން ދިޔަ 35 އަހަރުގެ އަންހެނަކު ވެސް އެ ހަފްތާގެ ތެރޭގައި ވަނީ މަރުވެފަ އެވެ.
އަނެއްކާވެސް ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް ޑެންގީ ޖެހިގެން މީހުން ރިޕޯޓްކުރަން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް 464 ކޭސް ހުށަހަޅާފައިވާ އޭގެ 96 ޕަސެންޓްއަކީ ފުރާނައަށް ގެއްލުންނުވާ ޑެންގީ ހުމުގެ ކޭސްތައް ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އޭގެތެރެއިން 67 ޕަސެންޓް ކޭސް ހުށައަޅާފައި ވަނީ އަތޮޅު ތެރެއިންނެވެ.
މާލެ އާއި ހުޅުމާލޭގައި ޑެންގީ އިތުރުވިއިރު ކ. ކާށިދޫ އާއި ހއ. އިހަވަންދޫގައި ވެސް ޑެންގީ އިތުރުވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކަ އެވެ.
މިދިޔަ އަހަރަކީ ޑެންގީގެ އައުޓް ބްރޭކް ކަމަށްވާ އިރު މިދިޔަ އަހަރު ވަނީ 1800 އަށް ވުރެ ގިނަ ޑެންގީ ކޭސް ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރެއިން ހަ މީހަކު ވަނީ މަރުވެފަ އެވެ.