23 May 2016, 13:29
ހިއްސާއަކަށް 22 ރުފިޔާ ބަހަން އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
އެމްޓީސީސީ ބޯޑުން އެގޮތަށް ހުށަހަޅާނީ ހޮޓެލް ޖެންގައި މިރޭ ބާއްވާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނިން އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
އެ ޖަލްސާގައި، އެމްޓީސީސީގެ މިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މާލީ ބަޔާންތަކުގެ އިތުރުން ޑިރެކްޓަރުން އައްޔަނު ކުރުމާއި އޮޑިޓަރުން ފާސްކުރުމާއި ހިއްސާ ބެހުމާ މެދު ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނިންމުން ކުރިއަށް ދާނެ އެވެ.
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް "ސަން"އަށް ވިދާޅުވެފައި ވަނީ އެމްޓީސީސީން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން އެ ކުންފުނީގެ ފައިދާ 2014 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު އިތުރުކޮށްފައިވާ ކަމަށެވެ. އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 156 މިލިޔަން ރުފިޔާ ލިބިފައިވެ އެވެ. ދެހާސްސާދަ ވަނަ އަހަރު އެ ކުންފުންޏަށް ލިބިފައި ވަނީ 99.13 މިލިއަން ރުފިޔާގެ ފައިދާއެކެވެ.
މިދިޔަ އަހަރު ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ނިންމާފައި ވަނީ ހިއްސާއަކަށް 10 ރުފިޔާ ބެހުމަށެވެ.