ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮވި މައްސަލައިގެ ހެކި ހުށަހެޅުން މިމަހުގެ 26 ވަނަ ދުވަހަށް އަނެއްކާ ވެސް ބަދަލުކޮށްފި އެވެ.

ކުރިން ވެސް އެ މައްސަލައިގެ ހެކި ހުށަހެޅުމަށް ތާވަލްކޮށްފައި އޮތީ އެ ދުވަހަށެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަހުމަދު ރަޝީދު ވިދާޅުވީ މިއަދަށް އެ އަޑުއެހުން އަވަސްކުރީ ހެކި ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތު ދެވިއްޖެ ކަމަށް ފަނޑިޔާރުންނަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ގާޒީ ވިދާޅުވީ ދައުވާ އަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް މިމަހުގެ 21 ވަނަ ދުވަހު ވަނީ ބާއްވާފައިވާ ކަމަށެވެ. އޭގެ ފަހުން މިމަހުގެ 19 ވަނަ ދުވަހަށް މައްސަލަ ތާވަލްކޮށްފައި ވަނިކޮށް ދިފާއީ ވަކީލުންގެ އެދިވަޑައިގަތުމަކަށް 26 ވަނަ ދުވަހަށް މައްސަލަ ފަސްކުރި ކަމަށް ގާޒީ ވިދާޅުވި އެވެ.

ނަމަވެސް އެއަށް ވުރެ އަވަސްކޮށް، މިއަދު އަޑުއެހުން ބާއްވަން ނިންމީ 19 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެކަށީގެންވާ ފުރުސަތު ދެވިއްޖެ ކަމަށް ފަނޑިޔާރުންނަށް ގަބޫލުކުރެވޭތީ ކަމަށް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ގާޒީ އެހެން ވިދާޅުވުމުން އަދީބާއި އެމަނިކުފާނުގެ ކުރީގެ ބޮޑީގާޑުން ކަމުގައިވާ، މއ. ސިގްމާ، ހަސަން ރިކާޒާއި ލ. ދަނބިދޫ، އަފްޒާ، އަހުމަދު އާމިރުގެ ގާނޫނީ ވަކީލުން ވަނީ ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފަ އެވެ.

ދައުލަތުން ހެކި ހުށަހަޅަމުންދަނިކޮށް އަދީބު ވަނީ ޝަރީއަތުގެ ސަމާލުކަމަށް ކަމެއް ގެނައުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

އަދީބު ވިދާޅުވީ އެ މައްސަލައިގެ ލިޔުންތައް ލިބިވަޑައިގެންފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށާއި އެހެންކަމުން މައްސަލަ އަށް ތައްޔާރުނުވެވޭތީ މިއަދު ހެކި ހުށަހެޅެން ނެތް ކަމަށެވެ.

"އަޅުގަނޑު ހުންނަނީ ދޫނިދޫގައި. ހަފްތާއަކު އެއްފަހަރު ލޯޔަރާ ބައްދަލުވަނީ. ކުރިން ކޯޓުން އެންގި ގޮތަށް މިމަހުގެ 26 ވަނަ ދުވަހަށް މައްސަލައަށް ތައްޔާރުވަމުން އަޅުގަނޑު މިދަނީ. އަޅުގަނޑަށް މައްސަލައިގެ ޑޮކިއުމެންޓުތައް ލިބުނީ މިމަހުގެ 14 ވަނަ ދުވަހު، އެހެންވީމާ އަޅުގަނޑަށް އަދި ތައްޔާރުވެވިފައި ނެތް. އެހެންކަމުން މިއަދު ހެކި ހުށަނޭޅޭނެ،" އަދީބު ވިދާޅުވި އެވެ.

އާމިރުގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ކޯޓުގައި ހުންނަވަނިކޮށް އިއްޔެ 2:00ގައި ކްރިމިނަލް ކޯޓުން އޭނާ އަށް ގުޅައި، މިއަދު އަޑުއެހުން އޮންނަ ކަން އެންގި ކަމަށެވެ.

ޝާއިރު ވިދާޅުވީ އިއްޔެ ކޯޓުން އެގޮތަށް އެންގި އިރު، ހދ. ފިނޭ ކޯޓުގައި އޮތް މައްސަލައަކަށް އެރަށް ވަޑައިގަތުމަށް އޭނާ ވަނީ ޓިކެޓު ވެސް ނަގާފައި ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެގޮތަށް އެންގުމުން އެ ދަތުރު ވެސް ކެންސަލް ކުރަން ޖެހުނީ ކަމަށާއި އެކަމުގެ ސަބަބުން އެ މައްސަލާގައި ދައުވާ ލިބޭ މީހާގެ ހައްގުތައް ގެއްލޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވުމުން ގާޒީ ވަނީ ލިޔުމުން އެކަން އިއްޔެ ކޯޓަށް ނޭންގީ ކީއްވެތޯ ސުވާލުކުރައްވައިފަ އެވެ. ޝާއިރު ވިދާޅުވީ ކޯޓުން އެންގި އިރު، އޭނާ ހުރީ އެހެން މައްސަލައެއްގައި ކޯޓުގައި ކަމަށާއި އެ މައްސަލަ ނިމުނު އިރު ވަނީ ތިނެއް ޖަހާފައި ކަމަށެވެ. އެހެންކަމުން ސިޓީ ހުށަނޭޅޭނެ ކަމަށް ޝާއިރު ވިދާޅުވި އެވެ.

މިއަދު ހެނދުނު ވަގުތު ލިބުނު އިރު، އެ ސިޓީ ހުށަނޭޅީ ކީއްވެތޯ ގާޒީ ސުވާލު ކުރެއްވި އެވެ. ޝާއިރު ވިދާޅުވީ އިއްޔެ ދަތުރު ކެންސަލް ކުރަންޖެހުމުން މިއަދު ކޯޓަށް އިތުރަށް އެކަން ލިޔުމުން އެންގިޔަސް ވާނެ ކަމެއް ނޯންނާނެ ކަމަށެވެ.

ގާޒީ ވިދާޅުވީ ލިޔުންތައް ލަހުން ހަވާލުކުރެވުނީ ދިފާއީ ވަކީލުން ފޯނު ނުނަންގަވާތީ ކަމަށެވެ.

"ކޯޓުން ގުޅީމާ ވަކީލުން ފޯނަށް ޖަވާބު ނުދެއްވާ ކަމަށް އިދާރީ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ،" ގާޒީ ވިދާޅުވި އެވެ.

ރިކާޒުގެ ގާނޫނީ ވަކީލު މައުމޫން މޫސާ ވިދާޅުވީ ލިޔުންތައް ހަވާލުކުރަން ކްރިމިނަލް ކޯޓުން އޭނަ އަށް ގުޅީ އެހެން ޝަރީއަތުގެ މަޖިލީހެއްގައި އިންނަވަނިކޮށް ކަމަށެވެ. އަދި އެދުވަހު އެ އަޑުއެހުން ނިމިގެން ގުޅި އިރު ކްރިމިނަލް ކޯޓުން ފޯނަށް ޖަވާބުނުދޭ ކަމަށް މައުމޫން ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ކޯޓުން އެންގި މުއްދަތުގައި ދައުލަތުން ވަނީ ލިޔުންތައް ހުށަހަޅާފައި ކަމަށެވެ. އަދި ދިފައީ ވަކީލުންނަށް ކޯޓުން އެލިޔުންތައް ދޫކޮށްފައިވާ ކަމަށް ވެސް ގަބޫލުކުރައްވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. ނަމަވެސް ބަންދުގައި ތިބޭ މީހުންނާ ބައްދަލު ކުރުމުގެ ކަންތައް އޮންނަގޮތް ރަނގަޅަށް ސާފުނުވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުވާ ލިބޭ ހުރިހާ ފަރާތެއްގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ގާޒީ ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހު ހެކި ހުށަހެޅުމުގެ އަޑުއެހުން ބާއްވަން ހުރިހާ ވަކީލުން ވެސް އިއުތިރާޒު ނުކުރާތީ، އެ ދުވަހު އަޑުއެހުން ބާއްވަން ނިންމާ ކަމަށެވެ. އަދި އެދުވަހު ހެކި ހުށަނާޅައިފި ނަމަ އިތުރު ފުރުސަތެއް އެކަމަށް ނުދެއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ އެ މައްސަލައިގެ ވަކީލުންނަށް ދައުވާ ލިބޭ ފަރާތްތަކާ ފަސޭހައިން ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނަށް ކޯޓުން ލިޔުމުން އަންގާނެ ކަމަށެވެ.

ދައުލަތުން ހުށަހަޅާ ހެކީންގެ ހެކިބަސް ނެގުން މިމަހުގެ 29 ވަނަ ދުވަހު އޮންނާނެ ކަމަށާއި އަދި ދިފާއުގައި ހުށަހަޅާ ހެކީންގެ ތެރެއިން ހެކިބަސް ނަގަން ޖެހޭ ކަމަށް ފެންނަ މީހުންގެ ހެކިބަސް ނެގުން 30 ވަނަ ދުވަހު އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.