23 May 2016, 12:50
أمّ حبيبة - أمّ المؤمنين
އަނެއްކޮޅުންأبو سفيانގެ ލޯފުޅުގެ ނޫރުކަމުގައިވާ ލޮބުވެތި ދަރިކަނބަލުން ޙަބަޝާގައި އެކަމަނާގެ ޙަޔާތްޕުޅުގެ ދުވަސްތައް ގުނުއްވަމުންގެންދެވީ ކުރީންވެސް ދެންނެވިފަދައިން ނުހަނު ބިޔަދޮވި ޙާލުކޮޅެއްގައެވެ. ތުއްޕުޅު ބޭފުޅަކު ގޮވައިގެން ގިނިކަންޏާއެވެ. އެކަމަނާގެ ބޮޑުބޭބޭފުޅުގެ ދަރިކަލުންعثمان بن عفّان رضى اللّـه عنــهއަށް އެޚަބަރު ލިބިވަޑައިގެންނެވިއެވެ. ޙަބަޝާއިން މަދީނާއަށް އައިބައެއްގެ ފަރާތުންނެވެ. ކުރީންވެސް ދެންނެވިފަދައިންعثمان رضى اللّـه عنــهގެ ބައްޕާފުޅުعفّانއާއި،السّيّدة أمّ حبيبة رضى اللّـه عنــهاގެ މައިކަނބަލުންصفيّة بنت أبى العاصއަކީ ދެބީނުންނެވެ.عثمان رضى اللّـه عنــهކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް އެޚަބަރު ފޮނުއްވިއެވެ.شرحبيل بن حسنة رضى اللّـه عنــهމެދުވެރިކުރައްވައެވެ.
އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއަށްالسّيّدة أمّ حبيبة رضى اللّـه عنــهاގެ ބިކަހާލުކޮޅުގެ ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނު ޤަޞްދުކުރެއްވީالسّيّدة أمّ حبيبةއާމެދު އިޙްސާންތެރިވެވަޑައިގަތުމަށެވެ. އެކަމަނާގެ އިސްލާމްކަމުގެ އިސްކަމާހުރެއެވެ. ދީނަށްޓަކައި އުފުއްލަވަމުންގެންދަވާ މުޞީބަތަށްޓަކައެވެ. އެކަމަނާ މެދުވެރިކުރައްވައިأبو سفيانއާ ގުޅުން ބަދަހިކުރައްވައި އޭނާގެ ދުޝްމިނުކަން ނިމުމަކަށް ގެންނެވުމަށްޓަކައިވެސްމެއެވެ. އިތުރު ސާހިބާ ކަނޑައެޅުއްވީأبو سفيانއެބޭބެއަކަށް ހެއްދެވުމަށެވެ. އިތުރު ސާހިބާއަކީ އޭނާގެ އެކޮއްކޮއަކަށް ވެވަޑައިގަތުމަށެވެ. ޢަރަބީންގެ އަންދުވަހުގެ އާދައިގެމަތީން އެއްވެސް ވަންހައަކުން އެވަންހައެއްގެ ދަނބިދަރިކަލަކާ ހަނގުރާމަކުރުމަކީ ހުތުރުކަމެކެވެ. އައިބުކަމެކެވެ. އެހެންކަމުން އިތުރު ސާހިބާصلّى اللّـه عليه وسلّم، السّيّدة أمّ حبيبة رضى اللّـه عنــهاއާ ކާވެނިބައްލަވައިގެންފިނަމަ، އިސްލާމްދީނާއި މުސްލިމުންނާއި ޚުދު އިތުރު ސާހިބާއާމެދުأبو سفيانގެ ހިތްޕުޅުގައި މަޑުކަނެއް އުފައްދަވަން މަޖްބޫރުވެވަޑައިގަންނަވާނެތީއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمގެ މި ސިޔާސީ ޙިކުމަތުޢަމަލީގެ މައްޗަށް ބިނާވެފައިވާ ކާވެނިފުޅުގެ ކަންތައް ހިނގައިފައިވާ ގޮތާމެދު މުއައްރިޚުން ލިޔުއްވައިފައިވެއެވެ.
ކައުސާހިބާصلّى اللّـه عليه وسلّمއަށްالسّيّدة أمّ حبيبة رضى اللّـه عنــهاގެ ޙާލުކޮޅު އޮޅުންފިލައިވަޑައިގެންނެވުމުންعمرو بن أميّة الضّمرى رضى اللّـه عنــهމެދުވެރިކުރައްވައި ޙަބަޝާގެ ރަސްގެފާނު ނަޖާޝީގެ އަރިހަށް ފަތްކޮޅެއް ފޮނުއްވިއެވެ. އެފަތްކޮޅުގައި އެދިވަޑައިގެންފައިވަނީالسّيّدة أمّ حبيبةރުހިވަޑައިގަންނަވާކަމަކަށްވާނަމަ، ކައުސާހިބާގެ ވަކީލެއްގެގޮތުން އެކަލޭގެފާނާއިالسّيّدة أمّ حبيبةއާ ކާވެނިކޮށްދެއްވައި އެކަމަނާ މަދީނާއަށް ފޮނުއްވައިދެއްވުމަށެވެ. ކުރީންވެސް ދެންނެވިފަދައިން އޭރު ނަޖާޝީ ހުންނެވީ އިސްލާމްވެވަޑައިގެންނެވެ. އެރަސްގެފާނު ކައުސާހިބާصلّى اللّـه عليه وسلّمގެ ސަފީރަށް ވަރަށްބޮޑަށް ކަމޭހިއްތެވިއެވެ. ވަރަށް ފުރިހަމަޔަށް މެހްމާންދާރީ އަދާކުރެއްވިއެވެ.
އެދުވަސްވަރުالسّيّدة أمّ حبيبة رضى اللّـه عنــهاއެއްރެޔަކު އަވަހާރަފުޅަށް އޮންނަވަނިކޮށް އެކަމަނާއަށް ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. ކޮންމެވެސް މީހަކު އެކަމަނާއަށްأمّ المؤمنينގެ ލަޤަބުފުޅުން މުޚާޠަބު ކުރީތީއެވެ. ހޭފުޅުލެއްވުނުއިރު އެކަމަނާގެ ހިތްޕުޅަށާއި، ސިކުނޑިފުޅަށްވަނީ ހަމަޖެހުމުގެ ޝުޢޫރުތަކެއް ވެރިވެފައެވެ. ނާރުފުޅުތަކުގައި ހިނގަމުންދިޔަ ލޭގެ ހިނގުންވަނީ އުފާވެރިކަމުގެ ރާޅުތަކަކަށް ބަދަލުވެފައެވެ.
ކައުސާހިބާصلّى اللّـه عليه وسلّمގެ ފަތްކޮޅު ލިބިވަޑައިގަތުމާއެކު ނަޖާޝީ އެރަސްގެފާނު ޚާއްޞަ ޚާދިމާ އަބްރަހާالسّيّدة أمّ حبيبة رضى اللّـه عنــهاގެ އަރިހަށް ފޮނުއްވިއެވެ. އަބްރަހާ މެދުވެރިކުރައްވައިسيّدةއަށް ދެންނެވިއެވެ.رسول اللّـه صلّى اللّـه عليه وسلّمގެ ފަތްކޮޅެއް ތިމަންރަސްގެފާނަށް ލިބިވަޑައިގެންފިއެވެ. އެފަތްކޮޅުގައި އަންގަވައިފައިވަނީ ކަމަނާ ޤަބޫލުފުޅު ކަމެއްކަމުގައިވާނަމަ، ކަމަނާއާއި އެކަލޭގެފާނާ ކާވެނިފުޅު ކޮށްދިނުން އެދިވަޑައިގެންފައެވެ. އެހެންކަމުން އެކަމަކީ ކަމަނާ ރުހިވަޑައިގަންނަވާ ކަމެއްކަމުގައިވާނަމަ އަންގަވައިދެއްވައި، ކަމަނާގެ ފަރާތްޕުޅުން ވަކީލަކު ޢައްޔަންކޮށްދެއްވުން އެދިވަޑައިގަންނަވަމެވެ.
السّيّدة أمّ حبيبة بنت أبى سفيان رضى اللّـه عنــهاއަށް އެޚަބަރު ލިބިވަޑައިގަތުމުން ލިބިވަޑައިގެންނެވި އުފާފުޅުގެ ވާހަކަ ބަޔާންކުރުމަކީ ގަލަންތަކާއި ދޫތަކަށް ކުޅަދާނަކަމެއް ނޫނެވެ. އެކަމަނާ އެންމެފުރަތަމަ ކަމަކަށް ހެއްދެވީ ރަޙްމާނުވަންތަ، ރަޙީމުވަންތަ މާތްاللّـهއަށް ޝުކުރު އަދާކުރެއްވުމެވެ. އެއަށްފަހު އަބްރަހާއާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "އަރަހުށި މާތްاللّـهތިބާގެ ދުލުގައި ބަރަކާތް ލައްވާށިއެވެ." އެހެން ވިދާޅުވުމަށްފަހު އެކަމަނާގެ ކަރުފުޅުގައި އޮތް އަބާރަނަކޮޅާއި ދެއަތްޕުޅުގައި ތުރުކުރައްވައިފައިއޮތް ދެއުޅާފުޅާއި، ދެފައިންޕުޅުގައިއޮތް ދެތަކަހޮޅިފުޅު ބާލުއްވައި، އަބުރަހާއަށް ހަދިޔާކުރެއްވިއެވެ. އެކަމަނާގެ އަރިހަށް އެއުފާވެރި ޚަބަރު ގެނައިތީ އެކަމަނާގެ ފަރާތްޕުޅުން އިނާމެއްގެ ގޮތުންނެވެ. އެކާވެނިފުޅާ އެކަމަނާ ރުހިވަޑައިގަންނަވާ ވާހަކަ ނަޖާޝީގެ އަރިހުގައި ދަންނަވަން ވިދާޅުވިއެވެ. އެކަމަނާގެ ފަރާތްޕުޅުން ވަކީލަކު ކަމުގައިخالد بن سعيد بن العاص أموى رضى اللّـه عنــهހަމަޖެއްސެވި ވާހަކަ ދަންނަވަންވެސް ވިދާޅުވިއެވެ.خالدއަކީ އެކަމަނާގެ ވަންހައިގެ ބޭކަލަކަށް ވެވަޑައިގަތުމުގެ އިތުރަށް، ކިރުފޮދުގެ ގޮތުން އެކަމަނާގެ އަޚެއްވެސްމެއެވެ.
السّيّدة أمّ حبيبة رضى اللّـه عنــهاގެ ޖަވާބު ނަޖާޝީއަށް ލިބިވަޑައިގެންނެވުމުންجعفر بن أبى طالب رضى اللّـه عنــهއަށް އެންމެހައި މުސްލިމް މުހާޖިރުން ގޮވައިގެން އެދުވަހުގެ ހަވީރު ގަނޑުވަރަށް ވަޑައިގަތުމަށް ޚަބަރު ފޮނުއްވިއެވެ.جعفر بن أبى طالب رضى اللّـه عنــهމުސްލިމުން ގޮވައިގެން ގަނޑުވަރަށް ވަޑައިގެންނެވުމުން ނަޖާޝީ ކާވެނިފުޅުގެ ޚުޠުބާ ވިދާޅުވިއެވެ. ނަޖާޝީގެ ޚުޠުބާގައި ވިދާޅުވިއެވެ.
"ޙަމްދާއި ތަޢުރީފް ހުރީ ޤުއްދޫސުވަންތަ ގަދަކީރިތިވަންތަ ޖައްބާރުވަންތަ ޢަޒީޒުވަންތަاللّـهއަށެވެ. އެކަލާނގެ ފިޔަވައި އަޅުކަންވެވޭނެ އެހެންފަރާތެއް ނެތްކަމަށް ހެކިވަމެވެ.محمّد صلّى اللّـه عليه وسلّمއަކީ އެކަލާނގެ މާތްކުރެއްވި އަޅެއްކަމަށާއި، އެކަލާނގެ ތެދުވެރި ރަސޫލެއްކަމަށްވެސް އަހަރެން ހެކިވަމެވެ. އެކަލޭގެފާނަކީعيىسى بن مريمއެބޭކަލެއްގެ ވާހަކަފުޅުން އުފާވެރިކަމުގެ ޚަބަރު ދެއްވައިފައިވާ ރަސޫލާއެވެ!
މިއަށްފަހު ދަންނައެ!رسول اللّـه صلّى اللّـه عليه وسلّمއަހުރެންނަށް ލިޔުއްވައިފައިވަނީ އެކަލޭގެފާނާއި،أمّ حبيبة بنت أبى سفيان رضى اللّـه عنــهاއާ ކާވެނިކޮށްދިނުމަށެވެ. އެކަލޭގެފާނު އަންގަވައިފައިވާ ފަދައިން އަހަރެން އެކަލޭގެފާނާއިأمّ حبيبةއާ ކާވެނިކޮށްދީފީމެވެ. މިކާވެނީގެ ރަނަކީ، ހަތަރުސަތޭކަ ދީނާރު ކަމުގައިވެސް ކަނޑައަޅައިފީމެވެ."
ހަމައެވަގުތުخالد بن سعيد بن العاص أموىއާ ހަތަރުސަތޭކަ ދީނާރު ޙަވާލުކުރެވުނެވެ. އެއަށްފަހުخالد بن سعيد رضى اللّـه عنــهތެދުވެވަޑައިގެން އެކަލޭގެފާނުގެ ޚުޠުބާ ވިދާޅުވިއެވެ. އެ ޚުޠުބާގައި ވިދާޅުވިއެވެ.
"އަހަރެންاللّـه سبحانه وتعالىއަށް ޙަމްދުކުރަމެވެ. އެކަލާނގެ ޙަޟުރަތުން މަޣުފިރަތު އެދެމެވެ. އެކަލާނގެ ރަސްކަންފުޅު ފިޔަވައި އަޅުކަންކުރެވޭނެ އެހެންފަރާތެއް ނުވާކަމަށް ހެކިވަމެވެ. އެކަލާނގެ ރަސްކަންފުޅަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ.محمّدގެފާނަކީ އެކަލާނގެ މާތްކުރެއްވި އަޅެއްކަމަށާއި، އެކަލާނގެ ތެދުވެރިرسولއެއްކަމަށް ހެކިވަމެވެ. އަރަހުށި މާތްاللّـهއެކަލޭގެފާނު ފޮނުއްވީ ޙައްޤު ދީނާއިގެންނެވެ. އެކަލާނގެ އަޅުތަކުންނަށް ހިދާޔަތު ދެއްކެވުމަށްޓަކައެވެ. މާތްاللّـهއެހެން ހުރިހާ ދީންތަކެއްގެ މައްޗަށް އެކަލާނގެ ދީން ގަދަކުރައްވައި ފާޅުކުރައްވާނެއެވެ. މުޝްރިކުން ނުރުހުނުކަމުގައިވިޔަސްވެހެވެ.
މިއަށްފަހު ދަންނައެ! އަހަރެންرسول اللّـه صلّى اللّـه عليه وسلّمދެއްވި ދަޢުވަތު ޤަބޫލުކޮށްފީމެވެ. އެމާތް ސާހިބާއާأمّ حبيبةއާ ކާވެނިކޮށްދީފީމެވެ.اللّـه تبارك وتعالىމިކާވެނިފުޅުގައި ބަރަކާތް ލައްވާށިއެވެ."
މިކާވެނިފުޅު ކުރެވުނީ ހިޖްރައިން ހަވަނަ އަހަރުގެ ފަހުކޮޅު ނުވަތަ ހަތްވަނަ އަހަރުގެ ކުރީކޮޅުގައެވެ. އޭރުأمّ المؤمنينގެ ޢުމުރުފުޅަކީ ތިރީސްހައަހަރުފުޅެވެ.
ކާވެނިފުޅުގެ ރަސްމިއްޔާތު ނިމިގެން މުސްލިމުން ނިކުންނާން ހިނގައިގަތުމުން ނަޖާޝީ ވިދާޅުވިއެވެ. މަޑުކުރައްވާށެވެ. ފަރީއްކޮޅު ހުރީ ތައްޔާރުވެފައެވެ. ތިޔަބޭކަލުން ވަޑައިގަންނަވަންވާނީ ފަރީއްކުޅުއްވައިގެންނެވެ. ކާވެނީގެ ވަލީމާއަކީ ނަބީބޭކަލުންގެ ސުންނަތެކެވެ. މުސްލިމުން ކައިބޮއިހަދައިގެން އެއުރެންގެ ޙާލުގެ މަގަށް އެނބުރި ހިނގައްޖައޫއެވެ.
أمّ المؤمنين السّيّدة أمّ حبيبة بنت أبى سفيان رضى اللّـه عنــهاއަށް ކާވެނިފުޅުގެ ރަނުގެ ފައިސާ ލިބިވަޑައިގެންނެވުމުން އަބުރަހާ ބަލާފޮނުއްވައިގެން ގެންނަވައިފައި ވިދާޅުވިއެވެ. އެދުވަހު އަހަރެން ކަމަނާއަށް ދިނީ ވަރަށް އާދައިގެ ހަދިޔާއެކެވެ. އޭރު އަހަރެންގެ އަތުގައި ދޭނެއެއްޗެއް ނެތީއެވެ. ނަމަވެސް މިހާރު މާތްاللّـهގެ ރަޙްމަތްފުޅުން އަހަންނަށް ވަރަށްގިނަ ފައިސާ ލިބިއްޖެއެވެ. އެހެންވިދާޅުވެފައި އަބުރަހާއަށް ފަންސާސް ދީނާރު ދެއްވިއެވެ.أمّ المؤمنينވިދާޅުވިއެވެ. މިފައިސާއަށް ހެދުމާއި ގަހަނާ ގަނެލާށެވެ.
އަބްރަހާ އެ ފަންސާސްދީނާރާއި،أمّ المؤمنينކުރީދުވަހު ދެއްވި ގަހަނާކޮޅުތައްأمّ المؤمنينގެ އަތްޕުޅަށް އަރުވައިފައި ދެންނެވިއެވެ. ކަމަނާގެ އަތްޕުޅުން އެއްވެސް އެއްޗެއް ޤަބޫލުކުރުން ނަޖާޝީ ވަނީ ވަރަށްބޮޑަށް މަނާކުރައްވައިފައެވެ. އެހެންކަމުން މިނިކަމެތި އަޅާގެ ވެދުމެއްކަމުގައި ޤަބޫލުކުރައްވައި ކަމަނާ މިތަކެތި ބެހެއްޓެވުން އެދެމެވެ. ކަމަނާ ޔަޤީންކުރައްވާށެވެ. އަޅުގަނޑުمحمّد صلّى اللّـه عليه وسلّمގެرسولކަން ޤަބޫލުކޮށް އެކަލޭގެފާނަށް ތަބާވެއްޖައީމެވެ. މިވާހަކަ އަޅުގަނޑު މިދަންނަވަނީ ހަމައެކަނި ކަމަނާގެ އަރިހުގައެވެ. މިއަދު ޝަހެންޝާހުވަނީ އެރަސްގެފާނުގެ ހުރިހާ އަނބިއަނބިކަނބަލުންނަށް އެބޭފުޅުންގެ އަތްޕުޅުގައިހުރި އަތަރާއި މީރުވަސްދުވާ ތަކެތި ކަމަނާއަށް ވެދުމަށް ފޮނުއްވުމަށް އަމުރުކުރައްވައިފައެވެ. އޭގެ އަނެއްދުވަހު އަތަރާއި ބޮކަރާއި އެނޫންވެސް ހުވަނދުގެ ބާވަތްތައް ހިފައިގެން އަބުރަހާ އައެވެ.أمّ المؤمنينއެތަކެތި ޤަބޫލުކުރެއްވިއެވެ. އެކަމަނާ ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް ވަޑައިގެންނެވިއިރު އެތަކެތި ގެންދެވިއެވެ.
أمّ المؤمنين السّيّدة أمّ حبيبة بنت أبى سفيان رضى اللّـه عنــهاގެ އަރިހަށް އަބުރަހާ އަންނަ ކޮންމެފަހަރަކު ދަންނަވައެވެ. ކަމަނާގެ ލޯބިފުޅުވާ ނަބިއްޔާގެ އަރިހަށް ވަޑައިގެންފައި އަޅުގަނޑުގެ މަތީން ހަނދުމަފުޅު ނައްތައިނުލައްވައްޗެވެ. އެކަލޭގެފާނަށް އަޅުގަނޑުގެ ވެދުން ސަލާމް ވިދާޅުވެދެއްވައްޗެވެ. އެއީ ކަމަނާ އަޅުގަނޑަށް ކޮށްދެއްވާ ވަރަށްބޮޑު އިޙްސާންތެރިކަމަކަށް ވާނެއެވެ.
أمّ المؤمنين السّيّدة أمّ حبيبة رضى اللّـه عنــهاމަދީނަތުލްމުނައްވަރާއަށް ވަޑައިގެންފައި ޙަބަޝާގައި އިންނެވި ދުވަސްވަރުގެ ވާހަކަތަކާއި އެކަމަނާގެ ކާވެނިފުޅުގެ ވާހަކަ ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހުގައި ވިދާޅުވިއިރު އަބްރަހާގެ ވާހަކަ ވިދާޅުވިއެވެ. އޭނާގެ ވެދުން ސަލާމް ރައްދުކުރެއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمހިނިވަރުނަކުރައްވަމުން އޭނާގެ ވެދުމާއި ސަލާމް ޤަބޫލުކުރެއްވިއެވެ. އޭނާއަށް ރަޙްމަތާއި ބަރަކާތްލެއްވުން އެދިވަޑައިގެން ދުޢާކުރެއްވިއެވެ.
ނަޖާޝީ މިބަރަކާތްތެރި ކާވެނިފުޅުގެ ކަންތައް ނިންމެވުމަށްފަހުأمّ المؤمنين السّيّدة أمّ حبيبة رضى اللّـه عنــهاމަދީނާއަށް ފޮނުއްވައިދެއްވިއެވެ. ހަބަޝާގައި ތިއްބެވި މުހާޖިރުންނާއިأمّ المؤمنينދަތުރުކުރައްވާނެ ނާފަހަރު ހަމަޖައްސަވައިދެއްވިއެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން ނަޖާޝީ އެކަމަނާ މަދީނާއަށް ފޮނުއްވީشرحبيل رضى اللّـه عنــهގެ ޙަވާލުގައެވެ. އެކަމަނާ މަދީނާއަށް ވަޑައިގެންނެވިއިރު ކައުސާހިބާصلّى اللّـه عليه وسلّمހުންނެވީ ޚައިބަރު ހަނގުރާމަޔަށް ވަޑައިގެން އެރަށުގައެވެ.جعفر بن أبى طالب رضى اللّـه عنــه،أمّ المؤمنينމަދީނާއަށް ފޮނުއްވައިފައި ދެންތިއްބެވި މުސްލިމުން ގޮވައިގެން ވަޑައިގަތީ ޚައިބަރަށެވެ.
(ނުނިމޭ)