23 May 2016, 14:10
ހޯރަފުށިން: މުހައްމަދު ސިމާއު
ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަރިހުގައި އެ ރަށަށް ވަޑައިގެންނެވި އެންވާރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމެވެ.
ހޯރަފުށީ ކޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ގިރާ ދެ ސަރަހައްދެއް އެ މަޝްރޫއުގެ ދަށުން ހިމާޔަތް ކުރާނެ އެވެ. އެގޮތުން ރަށު އިރު އުތުރާއި އިރު ދެކުނުގައި ބޮޑު ހިލައިގެ ތޮއްޓެއް ހަދާނެ އެވެ. ބޮޑު ހިލައިގެ ތޮއްޓެއް ގާއިމް ކުރާނީ އެ ރަށުގެ އުތުރުގެ 570 މީޓަރުގެ ސަރަހައްދާއި އިރު ދެކެނުގެ 230 މީޓަރުގެ ސަރަހައްދުގަ އެވެ.
ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއު ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މިއަހަރުގެ އޭޕްރިލް މަހުގެ 15ގައި ވަނީ އެ މަޝްރޫގެ ބައެއް މަސައްކަތް ފަށާފަ އެވެ.
ހަވާލުކޮށްފައިވަނީ: 9 އޮގަސްޓް 2015
- ހަވާލުކުރި ކުންފުނި: އެމްޓީސީސީ
- ޕްރޮޖެކްޓުގެ ހަރަދު: 19.1 މިލިއަން ރުފިޔާ
- މަސައްކަތް ނިންމަން ހަވާލުކުރި މުއްދަތު: 18 މަސް ދުވަސް
އެންވާރަމަންޓް މިނިސްޓްރީން ބުނީ ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މިއަދު ފަށާފައިވާއިރު، ރާއްޖޭގެ 31 ރަށަށްވުރެ ގިނަ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.