މަދަނީ ޖަމިއްޔާތަކުގެ ހިންގުމާއި ހަރަކާތްތައް މޮނީޓާކުރުމުގައި ހޯމް މިނިސްޓްރީއަށް ލަފާދޭން އުފައްދާ ކޮމިޓީގައި މަދަނީ ޖަމިއްޔާތަކުގެ ފަރާތުން ހަ މެމްބަރަކު ބައިވެރިކުރުމަށް ނިންމައި، އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވައިލައިފި އެވެ.

ހޯމް މިިނިސްޓްރީން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނަނީ، ޖަމިއްޔާތަކުގެ އިދާރީ ހިންގުމާއި ހަރަކާތްތައް ތަންފީޒުކުރެވޭގޮތް ބަލައި މޮނިޓާކުރުމުގެ ރޯލު އެންމެ ފުރިހަމައަށް އަދާކުރެވޭތޯ މިނިސްޓްރީން މަސައްކަތްކުރާ ކަމަށެވެ. އެކަންކަމުގައި ޖަމިއްޔާތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓްރީން ދެކޭތީ، މަދަނީ ޖަމިއްޔާތަކުގެ ހަ މަންދޫބުން ހިމެނޭ ކޮމިޓީއެއް އެކުލަވާލަން ނިންމައިފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އެ ކޮމިޓީގައި ހިމެނޭނީ ޔޫތު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީގެ މަންދޫބެއްގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުގައި ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ޖަމިއްޔާތައް ތަމްސީލުކުރާ ގޮތަށް ހޮވާލެވޭ ހަ މެމްބަރުން ކަމުގައި ހޯމް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ހަ މަންދޫބުން ތެރޭގައި ހިމެނޭނީ ގައުމީ ފެންވަރުގައި ހިދުމަތް ފޯރުކޮށްދޭ ދެ ޖަމިއްޔާއެއްގެ މަންދޫބުންނާއި ގައުމީ ފެންވަރުގެ އެޑްވޮކެސީ މަސައްކަތްކުރާ ޖަމިއްޔާއެއްގެ ފަރާތުން މެމްބަރަކާއި އަތޮޅު ނުވަތަ ރަށު ފެންވަރުގައި މަސައްކަތްކުރާ ޖަމިއްޔާއެއްގެ ދެ މަންދޫބަކާއި އެ ފެންވަރުގައި އެޑްވޮކެސީގެ މަސައްކަތް ކުރާ ޖަމިއްޔާއެއްގެ މަންދޫބެކެވެ.

ހޯމް މިނިސްޓްރީން ބުނީ، އެ ކޮމިޓީގެ މެމްބަރުންނަށް އެއްވެސް އެލަވަންސެއް ދިނުމަށް އަދި ހިނގާ އެއްވެސް ހަރަދެއް އަނބުރާ ދައްކާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

އެ ކޮމިޓީގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ވަނަވަރާއެކު ސިޓީ ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.