ސަރުކާރުން ފަތުރުވެރިކަން ތަރައްގީ ކުރުމަށް ނިންމާފައިވާ ލ. ބަރެސްދޫ އެއް އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ. މިއީ ބަރެސްދޫ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރި ދެވަނަ ފަހަރެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން (އެމްއެމްޕީއާރްސީ) މިއަދު ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ބަރެސްދޫ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ް ކޮށްފައިވާ އިއުލާނަށް ލިބުނު ބިޑުތަކުގައި މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އެމްއެމްޕީއާރުސީއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ.

މީގެ ކުރިން ބަރެސްދޫ އަކީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކެއް ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް 20 އަހަރަށް ދޫކޮށްފައިވާ ރަށެކެވެ. އެ ރަށުގެ މުއްދަތު 2014 ވަނަ އަހަރު ހަމަވުމުން ސަރުކާރުން ވަނީ އެ ރަށުގެ މުއްދަތު ވިލާ އަށް އިތުރު ނުކޮށްދޭން ނިންމައިފަ އެވެ.

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިދިޔަ އަހަރު ވިދާޅުވެފައި ވަނީ ބަރެސްދޫގައި ހިންގާ އިންޓަގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓްގެ 16 ބިމެއް ވިއްކާފައިވާ ކަމަށެވެ.