23 May 2016, 10:47
ފުޑްސް އެންޑް ބެރަރޭޖްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށް އަންނަ މަހު ބާއްވާ އެފްއެންޑްބީ ފެސްޓިވަލް ޕްރޮމޯޓް ކުރުމަށް އެ ފެސްޓިވަލްގެ ލޯގޯ ޖަހާފައިވާ ކޮތަޅުތައް ފިހާރަތަކަށް ބަހަން ފަށައިފި އެވެ.
އެ ފެސްޓިވަލަކީ ހައިރައިޒް އިން އިންތިޒާމު ކުރާ ފެސްޓިވަލެކެވެ. ހައި ރައިސްގެ އޮފިޝަލަކު ވިދާޅުވީ މާލޭގެ ހުރިހާ ލޯކަލް ފިހާރަތަކަށް އެ ކޮތަޅުތައް ބަހާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ތައްޔާރުކޮށްފައިވާ އެ ކޮތަޅުތައް ބަހަނީ ފިހާރައަކަށް 100 ކޮތަޅުގެ މަގުން ކަމަށެވެ. އަދި އިތުރަށް ބޭނުންވެއްޖެ ނަމަ ގުޅާލުމުން އެކަން ހަމަޖައްސައިދޭނެ ކަމަށެވެ.
"ފުޑް އެންޑް ބެވަރޭޖް ޝޯ"ގެ ނަމުގައި ބާއްވާ އެ ޝޯ އޮންނާނީ އަންނަ ޖޫން މަހުގެ ދޭއް، ތިނެއް އަދި ހަތަރު ވަނަ ދުވަހު ނެޝަނަލް އާޓް ގެލަރީގަ އެވެ.
އެ ޝޯގެ މެއިން ސްޕޮންސަރަކީ ނެސްލޭ އިންޓަނޭޝަނަލް އެވެ. ކޯ ސްޕޮންސަރުންނަކީ ސަނީ އެންޓަޕްރައިސަސް އަދި އެސްޓްރާބޯން އެވެ.
ހައި ރައިސްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، އެފަދަ ފެސްޓިވަލެއްގެ ބޭނުމަކީ ފުޑް އެންޑް ބެވަރޭޖް ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކުން ވިއްކާ ތަކެތި އެއް ފުރާޅެއްގެ ދަށުން އާންމުންނަށް ދައްކައިދިނުން ކަމަށެވެ.
"މިތަނަނުން ކަސްޓަމަރުންނަށް ތަކެތި ގަނެވޭ ގޮތަކަށް ނޫން އަދި އޮތީ، އެހެން ނަމަވެސް ގަންނަން ބޭނުންވާ އެއްޗިއްސަށް އޯޑާ ޕްލޭސް ކުރެވޭނެ މިތަނުން އޮފިޝަލް ވިދާޅުވި އެވެ.
ފެސްޓީވަލަށް ވަންނަން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ، ފުޑް އެންޑް ބެވަރޭޖް ޝޯ ކުރިއަށްދާ އިރު ކޮންމެ ދުވަހަކު އެތަނަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ލިބޭނެ ކަމަށެވެ.
ޝޯ ކުރިއަށް ދާނީ މެންދުރު ފަހު 2:00 އިން ފެށިގެން ރޭގަނޑު 11:00 އާއި ހަމައަށެވެ.
އިވެންޓުގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.