ނަޖާހު އާޓްސް ޕްލަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާލޭގެ ތިން ގެއެއް ރަހުނުގެ ގޮތުގައި ދެއްކުމަށް ފަހު 11 މިލިއަން ރުފިޔާގެ އޯވަ ޑްރާފްޓް ފެސިލިޓީއެއް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ލޯނުގެ ގޮތުގައި ނަގައި އެ ފައިސާ ނުދައްކައިވާތީ ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކައިފި ނަމަ ތިންގެ އިންޑިއާ ބޭންކަށް ނެގޭނެ ކަމަށް ކޯޓުން ހުކުމް ކޮށްފި އެވެ.

އިންޑިއާ ބޭންކަށް ރަހުނުކޮށް ލޯނު ނަގާފައި ވަނީ ހ. ފިއެސް އާއި މއ. ތިބްރޯޒް އަދި މއ. އަރާހިރި އެވެ.

އިންޑިއާ ބޭންކުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ނަޖާހު އާޓްސް ޕްލަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނަގާފައިވާ 11 މިލިއަން ރުފިޔާގެ ތެރެއިން ނުދައްކަވާ ނުވަ މިލިއަން ރުފިޔާ ކޯޓު މެދުވެރިކޮށް ހޯދުމަށެވެ.

އެ މައްސަލަ ބަލައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ނަޖާހު އާޓްސް ޕްލަސް ޕްރައިވެޓް ލިމިޓެޑުން ލޯނު ނަގާފައި ވަނީ މއ. ތިބްރޯޒް އަހުމަދު ނަޖާހު އާއި ނާޖިހު ޖިނާހު އާއި ޖީހާން އަހުމަދު އަދި އަލީޖިނާހުގެ އިތުރުން ފާތިމަތު ނަސީރު ގެރެޓީދީގެން ކަމަށެވެ. އަދި މ. އަރާހިރި ވެލަބުލި އަލިފުޅު ވެސް އެލޯނަށް ގެރެންޓީ ދީފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށް ކޯޓު ހުކުމުގައި ވަނީ ބުނެފަ އެވެ.

އިންޑިއާ ބޭންކުން ނަޖާހު އާޓްސް ޕްލަސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ނަގާފައިވާ 11 މިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން 9،707،993.35 ރުފިޔާ ނުދައްކާކަން ކޯޓަށް ސާބިތުވެފައިވާ ކަމަށް ވެސް ކޯޓު ހުކުމުގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން ނުދައްކައިވާ ފައިސާ މި މަހުގެ 17 އިން ފެށިގެން އަށް މަސް ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ ރަހުނުގެ ގޮތުގައި އިންޑިއާ ބޭންކަށް ދައްކާފައިވާ ހ. ފިއެސް އާއި މއ. ތިބްރޯޒް އަދި މއ. އަރާހިރީގެ އުފުލޭ އަދި ނުއުފުލޭ މުދާ ވިއްކާލުމަށް ޓަަކައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އިންޑިއާ ބޭންކަށް ލިބިގެންވާ ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.