23 May 2016, 10:31
ހަނޯއި (މޭ 23) : އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިއެޓްނާމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޓްރާންޑައި ގުވާންއާ ބައްދަލު ކުރައްވައިފި އެވެ.
މިއީ އެމެރިކާގެ ރައީސްކަން ލިބިވަޑައިގެންނެވިފަހުން އޮބާމާ ވިއެޓްނާމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ހަނޯއި ގައި ހުންނަ ވިއެޓްނާމްގެ ރިޔާސީ ގަނޑުވަރުގައި ކުރިޔަށްދިޔަ މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި ދެގައުމުގެ ސިޔާސީ އަދި އިގްތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާބެހޭގޮތުންނާ އަދި ދެގައުމު ސަމާލުކަންދޭ ބައިނަލްއަގްވާމީ ބައެއް މައްސަލަތަކާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ ތެރޭގައި ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާމެދު ޗައިނާއާއި އެގައުމުގެ އަވަށްޓެރި ގައުމުތަކާ ދެމެދުގައިވާ އަރާރުންތަކާގުޅޭ މައްސަލަތައް ހިމެނެއެވެ.
އެމެރިކާއަކީ ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމުގެ މައްސަލާގައި ޗައިނާއާ ދެކޮޅަށް ވަކާލާތުކުރާ ގައުމެވެ. އަދި އެ ސަރަހައްދުގައި ޗައިނާ ހިންގާ ހަރަކާތްތަކަށް އެމެރިކާދަނީ ފާރަލަމުންނެވެ. އޮބާމާ ވިއެޓްނާމަށް ކުރައްވާ ދަތުރުފުޅުގައި، ވިއެޓްނާމުގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ލީޑާޝިޕްގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުން ވެސް ހަމަޖެހިފައިވެ އެވެ. މީގެތެރޭގައި އެގައުމުގެ ބޮޑުވަޒީރު ވެސް ހިމެނެ އެވެ. ވިއެޓްނާމަށްފަހު އޮބާމާ ދެން ވަޑައިގަންނަވާނީ ޖަޕާނަށެވެ. ޖަޕާނުގައި އަންނަ ބުދަދުވަހު ފެށޭ ޖީ 7 ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި އޮބާމާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި 1954 ވަނަ އަހަރު އެމެރިކާއިން އެޓޮމްބޮން އަޅައި ވީރާނާކޮށްލި ހިރޮޝީމާއަށްވެސް އޮބާމާ ޒިޔާރަތް ކުރައްވާނެއެވެ. (ރޮއިޓާސް)