އަދާލަތު ޕާޓީގެ އިސް މަގާމުތަކަށް މީހުން ހޮވުމަށް މި މަހު ބާއްވާ އިންތިހާބުގައި ރައީސް އަކަށް ޝޭހް އިމްރާން އަބްދުﷲ އަދި ނައިބު ރައީސް އަކަށް އެ ޕާޓީގެ ފުރަތަމަ ނައިބު ރައީސް ޑރ. މައުރޫފް ހުސެއިން ކުރިމަތިލައްވައިފި އެވެ.

އަދާލަތު ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް މި މަހުގެ 27 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތި ލުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވި އިރު އެ ދެ މަގާމަށް ވެސް ކުރިމަތިލައްވާފައި ވަނީ އެ ދެ ބޭފޫޅުން އެކަނި ކަމަށް ޕާޓީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.

"އެއީ ރައީސް ކަމަށް ޝޭހް އިމްރާން. ދެން ނައިބު ރައީސް ކަމަށް ޑރ. މައުރޫފް މި ކުރިމަތިލެއްވީ. [އެ ދެ މަގާމަށް] އެހެން އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލައްވާ،" އޮފިޝަލް ވިދާޅުވި އެވެ.

އެމްޑީޕީއާ އެކު ކޯލިޝަންގައި މަސައްކަތްކުރާ އަދާލަތު ޕާޓީގެ އެންމެ އިސް މަގާމުތަކަށް ޖުމްލަ ދެ ބޭފުޅަކު ކުރިމަތިލައްވާފައި ވުމުން ވާދަވެރި އިންތިހާބަކަށް ފުރުސަތު ނޯންނާނެތީ އެ ދެ މަގާމަށް ކުރިމަތި ލުމުގެ މުއްދަތު އިތުރުކުރުމުގެ ހިޔާލެއް ޕާޓީގެ ތެރޭގައި އުޅޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަން މިހާރު މިރޭ ބާއްވާ އިންތިހާބީ ކޮމެޓީގެ ޖަލްސާ އަށް ގެންދާ ގޮތަށް ވާހަކަ އެބަ ދެކެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ދީނީ ދަންނަބޭކަލުންގެ ޕާޓީ ކަމަށް ސިފަކުރާ އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝޭހް އިމްރާން ކުރިމަތިލެއްވި އިރު އޭނާ އަކީ ޕާޓީގެ އަމީން އަމީންއާންމެވެ.
\
މިހާރު ޕާޓީގެ ރައީސް ކަމުގެ މަގާމު ފުރުއްވަމުން އަންނަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ކުރީގެ މެންބަރު ހުސެން ރަޝީދު އަހުމަދެވެ.

ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވި ޑރ. މައުރޫފް މިހާރު ހުންނެވީ އަދާލަތުގެ ތައުލީމާއި ތަރުބިއްޔަތާއި ބެހޭ ކޮމެޓީގެ ރައީސްގެ ގޮތުގަ އެވެ. އަދި ޑރ. މައުރޫފް އަކީ އަދާލަތުގެ ފުރަތަމަ ނައިބު ރައީސްވެސްމެ އެވެ.