23 May 2016, 10:07
ބޭންކޮކް( 23 މެއި) -- ތައިލޭންޑްގެ ބޯޑިން ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 18 ދަރިވަރަކު މަރުވެއްޖެ އެވެ.
ފުލުހުންނާ ހަވާލާދީ ބީބީސީ އިން ބުނީ ފަސް އަހަރާއި 13 އަހަރުގެ އަންހެން ދަރިވަރުން ތިބި ނިދާބައިގައި އަލިފާން ރޯވީ އެ ދަރިވަރުން ނިދަން ތިއްބައި ކަމަށެވެ.
ތައިލޭންޑްގެ ފަރުބަދަމަތީގައި ދިރިއުޅޭ ކުދިން ކިޔަވާ ޕިތަކާޓް ވިތިއްޔާ ސްކޫލްގައި އަލިފާނުގެ ހާދިސާ ހިނގި އިރު 38 ދަރިވަރަކު ތިބި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރެއިން 20 ކުއްޖަކު ވަނީ ސަލާމަތްކޮށްފަ އެވެ. އެ ކުދިން ސަލާމަތް ކުރީ ޑޮމެޓްރީގެ ކުޑަ ދޮރުތަކުން އަލިފާން ނިއްވާ މީހުންވަދެ އެވެ.
ދެ ކުއްޖަކު އަދި ވެސް ނުފެނެ އެވެ. އަދި ފަސް ކުއްޖަކަށް އަނިޔާވެ، އޭގެ ތެތެރެއިން ދެ ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފުލުހުން ބުނީ އަލިފާން ރޯވަން ދިމާވި ސަބަބު އަދި ނޭނގޭ ކަމަށާއި އެކަން ބަލަމަމުން އަންނަ ކަމަށެވެ.
ތައިލޭންޑްގެ ނޫސްތަކުން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ދެ ބުރި އަށް ހަދާފައި ހުރި އިމާރާތުގެ ދެ ބައިގައި ވެސް ވަނީ އަލިފާން ރޯވެފަ އެވެ.
ތައިލޭންޑްގެ ނޭޝަން ނޫހުން ބުނީ ކުދިންގެ ހަށިގަނޑުތައް ޔަގީން ކުރުމަށް ހޮސްޕިޓަށް ގެންގޮސްފައިވާ އިރު ގެއްލިފައިވާ ދެކުދިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.