23 May 2016, 08:59
އިތުރު ވަގުތުގައި ކާމިޔާބު ކުރި ދެ ގޯލާ އެކު 2-0ގެ ނަތީޖާ އަކުން ސެވެއްޔާގެ މައްޗަށް ކުރި ހޯދައިގެން ސްޕެނިޝް ކަޕް ބާސެލޯނާއިން ކާމިޔާބުކޮށްފި އެވެ.
ސުޕެއިންގް އެސްޓާޑިއޯ ވިސެންޓް ދަނޑުގައި ކުޅުނު އެ މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު ފުރަތަމަ ހާފު ނިމެން އުޅުނިކޮށް ބާސެލޯނާގެ ހާވިއާ މަސަރާނޯ ސެވިއްޔާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ބާސެލޯނާ އިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް އެ ޓީމުން ވަނީ ސެވިއްޔާގެ ގޯލަށް ނުރައްކާ ކުރަން މަސަތްކަތް ކޮށްފަ އެވެ. ބާސެލޯނާ އަށް ގޯލުޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރި އިރު ސެވިއްޔާ އަށް ވެސް ވަނީ ނަތީޖާ ބަދަކޮށްލާނެ ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.
އެ ނަތީޖާގައި އޮވެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ސެވިއްޔާ އަށް އިތުރު މައްސަލަތަކަކާ ކުރިމަތި ލާން ޖެހުނީ އެ ޓީމްގެ ޑިފެންޑަރު އިވާ ބިނެގް އަށް ދެއްކި ރަތްކާޑާ ހިސާބުންނެވެ. އޭރު ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި އޮތީ އެއްވަރުވެފަ އެވެ.
ބާސާ އަށް އެމެޗުގައި ލީޑް ލިބިގެންދިޔައީ މެޗުގެ 97 ވަނަ މިނެޓްގައި މެސީ ހުރަސް ކޮށްލި ރީތި ބޯޅަ އެއް ގޯލުގެ ދުރުކަނަށް ވައްދާލައިިގެންނެވެ. ބާސެލޯނާގެ އެ ގޯލަށް ފަހު އެ ޓީމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ 120 ވަނަ މިނެޓްގައި ސެވިއްޔާގެ ޑެނިއަލް ކެރިކޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފިނުވާލައިފަ އެވެ.
ބާސެލޯނާގެ ދެ ވަނަ ގޯލު ނޭމާ ކާމިޔާބު ކުރި އިރު އެގޯލި ޖަހަން ވެސް އެހީވެ ދިނީ މެސީއެވެ. އެ ޓްރޮފީއާ އެކު ސްޕެނިޝް ކަޕް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ބާސެލޯނާ އެމުބާރާތް ކާމިޔާބްކުރި މިއީ 28 ވަނަ ފަހަރެވެ.