ޓެކްސީ ދަތުރުތަކާ ގުޅޭ ގޮތުން ހުސް ޝަކުވާ އެވެ. ހޯދަން ބޭނުންވާއިރު ޓެކްސީ ނުލިބުމާއި ޓެކްސީ ދަތުރުތައް ލަސްވުމުގެ ވާހަކައެވެ. އެ ކަންބޮޑުވުންތަކަށް ހައްލެއް އެބަ އޮތެވެ. ތަރައްގީވަމުން އަންނަ ގައުމުތައް ކަމަށްވާ ތައިލެންޑް، ބްރެޒިލް އަދި އިންޑޮނޭޝިއާގައި ދޭ ޓެކްސީގެ ހިދުމަތެއް ރާއްޖެއަށް ތައާރަފު ވަނީ އެވެ. ސައިކަލުގައި ޓެކްސީ ކުރުމުގެ ހިދުމަތެެވެ. ކޮންމެ ރަށެއްގައި ވެސް އެ ހިދުމަތް ދިނުމުގެ ހުއްދަ ސަރުކާރުން ދޭން ވަނީ ނިންމައިފަ އެވެ.

ހުއްދަން ދޭން ފަށާނީ އަންނަ މަހު، ހުއްދައަށް އެދެވޭނީ ކުންފުނިތަކަށް

ދަތުރުފަތުރުގެ ކަންކަން ބަލަހައްޓަމުން ގެންދާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ސައިކަލުގައި ޓެކްސީ ކުރުމުގެ ހިދުމަތް ރާއްޖޭގައި ފަށާނީ "ފެންވަރު ރަނގަޅުކޮށް" ކަމަށެވެ. މި ހަފްތާގެ ތެރޭގައި އެ ހިދުމަތް ފަށަން އިއުލާން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ސައިކަލުގައި ޓެކްސީ ކުރުމުގެ ހުއްދައަށް އެދެވޭނީ ކުންފުނިތަކަށް ކަމަށެވެ.

ވަކިވަކި ފަރުދުންނަށް އެ ހިދުމަތެއް ނުދެވޭނެ އެވެ. ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އެ ހިދުމަތް ދެމުންދަނީ ކުންފުނިތަކުންނެވެ. ވަކިވަކި ފަރުދުންނަށް އެ ހިދުމަތް ދޭން ފަށައިފި ނަމަ، މޮނީޓާ ނުކުރެވި ބޮއްސުންލައިގެން ހިނގައިދާނެ އެވެ. ހިދުމަތުގެ ފެންވަރު ދަށްވެ، ހިދުމަތާމެދު އާންމުން ކުރާ އިތުބާރު ގެއްލޭނެ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އަންނަ މަހުން ފެށިގެން ޓެކްސީ ކުރުމުގެ ހުއްދައަށް އެދި ކުންފުނިތަކުން ހުށަހެޅޭނެ ކަމަށެވެ.

"ސައިކަލަށް ޓެކްސީ ކުރުމުގެ ހުއްދަދޭއިރު ވަރަށް ފެންވަރުގައި ބައިނަލްއަގުވާމީ ގައުމުތަކުގައި ވެސް އެކަން ކުރާ ފެންވަރުގައި އެ ކަންކުރާނީ،"އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު

ސައިކަލް ޓެކްސީގެ ދަތުރުގެ އަގު: 10 ރުފިޔާ

ޕްރައިވެޓު ކާރެއްގައި ދަތުރުކުރުމާއި ޓެކްސީ ކާރެއްގައި ދަތުރުކުރުމުގައި އޮންނަ ތަފާތަކީ ފައިސާ ދޭންޖެހުމެވެ. ޓެކްސީ ސައިކަލްގެ ވެސް ތަފާތަކީ އެއީ އެވެ. ތަފާތަކީ ސައިކަލް ދުއްވަން އިންނަނީ ލޯބިވެރިޔާ ނުވަތަ ރަހުމަތްތެރިޔާ ނޫން ކަމެވެ. އެފަދަ ސައިކަލްތައް ޓެކްސީ ކާރުތައް ފަދައިން ދަތުރުކުރާއިރު ގުޅާލުމުން ބުނި ހިސާބަކަށް އައިސް ބުނިތަނަކަށް ގެންގޮސްދޭނެ އެވެ. ފީއަކަށް ނަގަނީ އެންމެ 10 ރުފިޔާ އެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އެ ހިދުމަތް މާލެ ސަރަހައްދުން ފަށަން ނިންމާފައިވާ އިރު ހިދުމަތް ދޭނީ ގާބިލް ކުންފުނިތަކާއި ހަވާލުކޮށްގެން ކަމަށެވެ.

ޓެކްސީ ސައިކަލް ދުއްވުމުގެ ހުއްދަ އަންހެނުންނަށް ލިބޭނެ

އަންހެންނުންނަށް އަދި މާ އުފާވެރި ހަބަރެއް އެބައޮތެވެ. މީގެ ކުރިން ޓެކްސީ ކުރުމުގެ ހުއްދަ ހަމައެކަނި ފިރިހެނުންނަށް އޮތް ނަމަވެސް ޓެކްސީ ސައިކަލްގެ ހިދުމަތާ އެކު އަންހެނުންނަށް ވެސް ޓެކްސީ ސައިކަލު ދުއްވުމުގެ ހުއްދަ ދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ގޮތަށް ހަމަޖެއްސުމުން އަންހެން ޑްރައިވަރެއްގެ ފަހަތުގައި އަންހެން ކުދިންނަށް ޓެކްސީ ސައިކަލުގެ ހިދުމަތް ބޭނުންކުރެވޭނެ އެވެ.

ސައިކަލުގައި ޓެކްސީ ކުރުމުގެ ހިދުމަތަކީ ތޮއްޖެހިފައިވާ މާލެއަށް ބޭނުންވާ ހިދުމަތެކެވެ. އާބާދީގެ ބޮޑު ބައި، 153،000 ވުރެ ގިނަ މީހުން ދިރިއުޅޭ ވެރިރަށް މާލޭގައި އަގުހެޔޮކޮށް ދަތުރުކޮށްލެވޭނެ ހިދުމަތަކަށް ދިވެހިން ތިބީ ފެންބޮވައިގެންފަ އެވެ.

މީގެ ކުރިން ވެސް އެ ހިދުމަތް ތައާރަފް ކުރުމަށް ވެސް ވަކިވަކި ފަރުދުން މަސައްކަތްކޮށްފައި އެބަހުއްޓެވެ. އެފަދަ ޒުވާނަކު ކިޔައިދިން ގޮތުގައި 10 ރުފިޔާ އަށް ފަތިހު 5:30 ރޭގަނޑު 12 އަށް ޓެކްސީ ސައިކަލުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އަށް އޭނާ ދެ ފަހަރެއްގެ މަތިން ހުށައަޅާފައިވާ ކަމަށެވެ.

"ދެ ފަހަރަށް ހުށަހެޅިން، އެ ހުއްދަ އޭރު ނުލިބުނު، ނަމަވެސް މިހާރު ހުއްދަ ދޭން އުޅޭތީ ވަރަށް އުފާވޭ، އަސްލު މިއީ ވަރަށް ސަޅިކަމަކަށް ވެގެންދާނެ،" އޭނާ ބުންޏެވެ.

އޮފީސްތަކަށް ދިއުމަށާއި އެކަނި ތަންތަނަށް ދާ ފަރާތްތަކުން މީގެ ކުރިން 25 ރުފިޔާ ޓެކްސީއަށް ހޭދަކުރަން ޖެހުނު ނަމަވެސް 10 ރުފިޔާ އަށް ފަސޭހައިން ދަތުރުކޮށްލެވޭނެ ކަމުގެ އުފާވެރި ހަބަރު ކޮންމެއަކަސް މިވަނީ ލިބިފަ އެވެ. ތޮއްޖެހިފައިވާ މާލޭގައި ކާރެއްގައި ދަތުރުކުރަން ޖެހުމުން ގެއްލޭ ވަގުތުތައް ސައިކަލު ޓެކްސީގެ އަވަސް ދަތުރާ އެކު ހައްލަކަށް އަންނާނެކަން ޔަގީނެވެ.

ޓެކްސީ ކާރަށް އޮތް ޑިމާންޑު ގެއްލިދާނެތަ؟

ޓެކްސީ ސައިކަލްތައް ތައާރަފް ކުރާ ވާހަކަ ޓެކްސީ ކާރު ދުއްވާ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ހިއްސާކުރުމުން އެނގުނު ގޮތުގައި އެއީ އެ ފަރާތްތަކުން މާކަންބޮޑުވާކަމެއް ނޫނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި 10 ރުފިޔާދީގެން ސައިކަލަކަށް އެންމެ މީހަކަށް އެރޭ އިރު އެއީ ޓެކްސީ ކާރުތަކަށް އޭގެ ގެއްލުމެއް ކުރިމަތިވާނެ ކަމެއް ނޫނެވެ.

"ގިނަ ފަހަރަށް ޓެކްސީ މި ހޯދަނީ ކުޑަކުއްޖަކު ގޮވައިގެން ނޫނީ އާއިލާއެއް ތާކަށްދާން ދޯ، ސައިކަލުގަ ދެވޭނެ ބިޓާއެކީ ވެސް، ސައިކަލެއް ނެތް މީހަކު މަދެއްނޫން،" ޓެކްސީ ކުރާތާ 15 އަހަރުވެފައިވާ މުހައްމަދު އަލީ ބުންޏެވެ.

އޭނާ ބުނާ ގޮތުގައި މީގެ ކުރިން އެމްޓީސީސީން މާލޭގައި ޓެކްސީ ކުރުމާއި ބަހުގެ ހިދުމަތް ތައާރަފް ކުރުމާއެކު ވެސް ޓެކްސީތަކަށް ގެއްލުންތައްވާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރި ކަމަށާއި ނަމަވެސް އެކަން އެހެންނުވާ ކަމަށެވެ. އެހެންކަމުން މިފަހަރު ވެސް ޓެކްސީތަކަށް ގެއްލުމެއްނުވާނެ ކަމަށް އޭނާ ބުންޏެވެ.

ކޮންމެއަކަސް ދިވެހިންގެ ދަތުރުފަތުރަށް މި އަންނަނީ އަނެއްކާ ވެސް ބޮޑު ބަދަލެކެވެ. އަލަށް ތައާރަފު ކުރާ މި ހިދުމަތާ އެކު ޓެކްސީ ހިދުމަތައް ސައިކަލާއި ކާރު މި ދަނީ އިތުރުވެގެންނެވެ. ނަތީޖާ ބަލަމާތޯ އެވެ. ހަމަގައިމު ވެސް އެކަނި ދަތުރުފަތުރު ކުރާ ފަރާތްތަކަށް މިއީ އަގުހެޔޮ އަވަސްމަގަކަށްވާނެކަން ޔަގީނެވެ.