22 May 2016, 21:06
ހުޅުމާލޭގައި ތަރައްގީ ކުރާ ސެންޓްރަލް ޕާކުގެ ލެޝާ ޒޯން ރަސްމީކޮށް ހުޅުވައިފި އެވެ.
މި ލެޝާ ޒޯން ތަރައްގީ ކޮށްފައި ވަނީ، ހިތްގައިމު މަންޒަރުތަކެއް ފެންނާނެ ގޮތަށް، ފެންގަނޑަކާއި ރޭމްޕެއް ވެސް ހިމެނޭ ގޮތަށެވެ.
މިތަން ރަސްމީކޮށް ހުޅުވައިދެއްވީ، ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ޕާކު ހުޅުވައިދެއްވުމަށް ފަހު، ރައީސްގެ ދެކަނބަލުން ވަނީ އެތަން ބައްލަވާލައްވާފަ އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގެ ލެއިޝާ ޒޯން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރޭން-- ސަން ފޮޓޯ: ޝަފްނާ ޙުސައިން
ސެންޓްރަލް ޕާކްގެ ލެއިޝާ ޒޯން ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ކުރިޔަށް ގެންދިޔައީ، ކުލަ ގަދަ ހަރަކާތްތަކަކާ އެކުގަ އެވެ. އޭގެ ތެރޭގައި، މޯލްޑިވިއަން އައިޑަލްގެެ ގަދަ ތިން ބައިވެރިންނާ އެކު، އިތުރު ދެ ބައިވެރިންގެ ހުށަހެޅުންތައް ވެސް އެސަރަހައްދުގައި މިރޭ ކުރިޔަށް ދާނެ އެވެ.
ހުޅުމާލޭގައި ސެންޓްރަލް ޕާކް ހެދުމަށް އެޗްޑީސީއިން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ މަސައްކަތް ފަށައިފަ އެވެ. ގާތްގަނޑަކަށް އަށް ހެކްޓަރުގެ ބިމުގައި ހަދާފައިވާ ބޮޑު ޕާކުގެ މަސައްކަތް އެއްކޮށް ނުނިމެނީސް، މިދިޔަ އަހަރުގެ އޯގަސްޓް މަހު ވަނީ އެތަން ހުޅުވާފަ އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގެ ލެއިޝާ ޒޯން -- ސަން ފޮޓޯ: ޝަފްނާ ޙުސައިން
މީގެ ކުރިން "ސަން" އަށް ދިން އިންޓަވިއުއެއްގައި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ، "ޕާކް އެއްކޮށް" ނުނިމެނީސް އެތަން ހުޅުވީ އެތަނުގެ ބޭނުން އާންމުންނަށް ހިފުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިތުރު ޒޯން ތަކެއް ހުޅުވުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ސެންޓްރަލް ޕްލާޒާ އަކާއި، ފައުންޓެން ޒޯން އަކާއި، އިންޓަރެކްޓިވް ޒޯން ފާހަގަކޮށްލެވެ އެވެ.