އައްޑޫ ސިޓީގައި ބާއްވާ ފުރަތަމަ ކޮމިއުނިޓީ ކެބިނެޓް ބައްދަލުވުން މިއަދު މެންދުރުފަހު އައްޑު ސިޓީގައި ފަށައިފި އެވެ.

މުހިއްބުއްދީން ސްކޫލްގައި މިހާރު ކުރިއަށްދާ ކޮމިޔުނިޓީ ކެބިނެޓްގެ ބައްދަލުވުން ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ މައިގަނޑު ދާއިރާތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ.

ކޮމިއުނިޓީ ކެބިނެޓްގައި މައިގަނޑު 4 ދާއިރާއަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަޒީރުން ޕްރެޒެންޓޭޝަން ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ، އިޖްތިމާއީ ދާއިރާއާއި، އުމްރާނީ ތަރައްޤީގެ ދާއިރާއާއި، ހެޔޮވެރިކަމުގެ ދާއިރާއާއި، އިޤްތިސާދީ ދާއިރާ އެވެ. އަދި ކޮންމެ ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވުމަށްފަހު، އެ ދާއިރާއަކާ ބެހޭގޮތުން ސުވާލު ކުރުމުގެ ފުރްސަތު ވެސް ރައްޔިތުންނަށް ހުޅުވާލާނެ އެވެ.

އިޖްތިމާއީ ދާއިރާއާ ބެހޭގޮތުން ހުށަހަޅުއްވާ ޕްރެޒެންޓޭޝަންގައި، ތައްލީމާއި، ސިއްހީ ހިދްމަތާއި، އިޖްތިމާއީ ރައްކާތެރި ކަމަށް ޒުވާނުންނާއި ކުޅިވަރު އަދި އިންސާނީ ވަސީލަތްތަކުގެ ބައި ވަނީ ހިމަނާފަ އެވެ. އުމްރާނީ ތަރައްގީއާބެހޭ ޕްރެޒެންޓޭޝަންގައި، ބޯހިޔާވަހިކަމާއި، ބަނދަރާއި މަގު ހެދުމާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، ފެނާއި ނަރުދަމާއާއި، ހަކަތައާއި އަދި ސާކް ސަމިޓާ ބެހޭގޮތުން މައްލޫމާތު ދެއްވާނެ އެވެ.

ހެޔޮވެރިކަމާބެހޭ ޕްރެޒެންޓޭޝަންގައި، މައްލޫމާތު ދެއްވާނީ، ލާމަރްކަޒު ކުރުމާއި، މަސްތުވާ ތަކެއްޗާއި، ކުށްކުރުން ހުއްޓުވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުންނެވެ. އަދި އިޤްތިސާދީ ދާއިރާއިން ދެއްވާ ޕްރެޒެންޓޭޝަންގައި ހިމެނެނީ، ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، ދިރިއުޅުމުގެ އަގު ތިރިކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއާއި، ބާޒާރު ބަނދަރުމަތި ތަރައްޤީ ކުރުމުގެ ޕްރޮގްރާމާބެހޭ މައްލޫމާތެވެ.

މުހިއްބުއްދީން ސްކޫލްގައި ކުރިއަށްދާ ކޮމިއުނިޓީ ކެބިނެޓްގައި ސަރުކާރު ނިސްބަތްވާ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރައްވާ ބައެއް މެންބަރުންގެ އިތުރުން އައްޑު އަތޮޅުގެ އެކި ރަށްރަށުން މީހުން ވަނީ ބައިވެރިވެފަ އެވެ.