ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވަނިކޮށް އިނގިރޭސިވިލާތަށް ވަޑައިގެން ފަރުވާ ހޯއްދަވަމުންގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިފިއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފް މިއަދު ސަން އަށް ވިދާޅުވީ އިނގިރޭސި ވިލާތުން ރައީސް ނަޝީދަށް "ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސް" ގެ ހިމާޔަތް ދެއްވާފައިވާ ކަމަށެވެ.

ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސްއަކީ ނަސްލީ، ދީނީ، ސިޔާސީ އަދި އިޖްތިމާއީ ވަކި ފިކުރެއްގެ ސަބަބުން ތިމާގެ އަމިއްލަ ގައުމުގައި އުޅެވެން ނެތުމުން އެހެން ގައުމެއްގެ ހިމާޔަތަށް އެދުމުން، އދ.ގެ މުއާހަދާއެއްގެ ދަށުން އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުން އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭ ހިމާޔަތެކެވެ.

ހަސަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދު ދެން ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރުމަކީ ބޭނުމެއްއޮތްކަމެއް ނޫން ކަމަށެވެ.

"ދެން ބޭނުމެއް އޮތްކަމެއް ނޫން މިސަރުކާރުން ރައީސް ނަޝީދު ގެންނެވުމަށް ކުރަން އުޅޭ މަސައްކަތް ކުރެއްވުމަކީ،" އޭނާ ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އިނގިރޭސިވިލާތަށް ފުރާވަޑައިގަތް ރައީސް ނަޝީދަށް ބޭސްފަރުވާ ކުރަން ދީފައިވާ މުއްދަތު ހަމަވުމުން އެނބުރި ރާއްޖެ ވަޑައިގަތުމަށް މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ވަނީ އަންގާފަ އެވެ. ނަމަވެސް އޭގެފަހުން މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ ބޭސްފަރުވާގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްދީފަ އެވެ.

އޭގެފަހުން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ކަރެކްޝަންސް އިން ވަނީ ރައީސް ނަޝީދުގެ ބޭސްފަރުވާއަށް އިތުރުކޮށްދީފައިވާ 30 ދުވަހުގެ މުއްދަތު އަނބުރާ ގެނެސްފައެވެ. ނަމަވެސް އޭގެފަހުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ކަރެކްޝަންސްގެ އެ ނިންމުން އަލުން މުރާޖާކުރުމަށްފަހު ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުގެ ނިންމުމާ އެއްގޮތަށް މިދިޔަ މެއި މަހުގެ ހަތަރު ވަނަ ދުވަހު، 30 ދުވަހަށް ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެއްވާފަ އެވެ.

އަނެއްކާވެސް މިއަދު ރައީސް ނަޝީދުގެ ފަރާތުން ވަނީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދިފައެވެ.