ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އެހެނިހެން އިންތިޚާބުތަކުގެ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމަށް މަގުފަހި ކުރުމުގެ ގޮތުން ފަންނީ އަދި މާލި އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުންގެ ފަރާތުން އދ އާއެކު މަޝްވަރާކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެ ކޮމިޝަންގައި އދ.ގެ ފަންނީ ބޭފުޅުނާއެކު މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި، ކުރިއަށް އޮތް އިންތިޚާބު ތަކުގެ ކަންކަން ހަރުދަނާކުރުމުގައި އދ.އަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.

އިންތިޚާބުތަކުގެ ކަންކަން ހަރުދަނާކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު އދ.ގެ ފަންނީ ބޭފުޅުންނާއެކު ބޭއްވި ބައްދަލުކުރުމުގެ ތެރޭން-- ފޮޓޯ: އީސީ

އެގޮތުން އިލެކްޝަން ކޮމިޝަނުން ތަޢާރަފްކުރުމަށް ތައްޔާރުވަމުންދާ އިލެކްޓްރޯނިން ވޯޓިން ސިސްޓަމަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ އިސް ވެރީން އދ.ގެ ފަންނީ ބޭފުޅުންނާ މަޝްވަރާކުރެއްވި ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.

"ވޯޓާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާ ކޮމިޝަންގެ މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމާ ގުޅޭ ކަންކަމުގެ އިތުރުން މުޅި އިންތިޚާބީ މަރުހަލާތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނު،" އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މިއަދު ކުރިއަށް ގެންދިޔަ އެ މަޝްވަރާ ބައްދަލު ވުމުގައި ކޮމިޝަނުގެ ރައިސާއި މެމްބަރުންގެ އިތުރުން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

އދ.ގެ ޓީމުން މިއަދު ކޮމިޝަނުގެ މުވައްޒަފުންނާ ބައްދަލުކޮށް އިންތިޚާބު ތަކުގައި އާއްމުކޮށް ދިވާމާ ގޮންޖެހުންތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެވިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.