އިނގިރޭސިވިލާތުގައި ބޭސްފަރުވާ ކުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި އެދިވަޑައިގެންފި އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން މިއަދު ސަން އަށް ވިދާޅުވީ އަންނަ އޯގަސްޓު މަހުގެ 23 ވަނަ ދުވަހާ ހަމައަށް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ރައީސް ނަޝީދުގެ އޮފީހުން އިއްޔެ ސިޓީއެއް ލިބިފައިވާ ކަމަށެވެ.

ލުގުމާން ވިދާޅުވީ ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމާ މެދު ގޮތެއް ނިންމަން މިހާރު ވަނީ މެޑިކަލް ބޯޑަށް ހުށަހަޅާފައި ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އިނގިރޭސިވިލާތައް ފުރާވަޑައިގަތް ރައީސް ނަޝީދަށް ބޭސްފަރުވާ ކުރަން ދީފައިވާ މުއްދަތު ހަމަވުމުން އެނބުރި ރާއްޖެ ވަޑައިގަތުމަށް މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ވަނީ އަންގާފަ އެވެ. ނަމަވެސް އޭގެފަހުން މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ވަނީ އެމަނިކުފާނުގެ ބޭސްފަރުވާގެ މުއްދަތު 30 ދުވަހަށް އިތުރުކޮށްދީފަ އެވެ.

ކަރެކްޝަންސް އިން އޭރު ބުނީ އެފަހަރު މުއްދަތު އިތުރުކުރީ ބޭސްފަރުވާއާ ގުޅޭ ހުރިހާ ލިޔުންތައް ހޮސްޕިޓަލް މެދުވެރިކޮށް ރައީސް ނަޝީދު ހުށަހެޅުއްވުމުން ކަމަށެވެ.

އޭގެފަހުން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ކަރެކްޝަންސް އިން ވަނީ ރައީސް ނަޝީދުގެ ބޭސްފަރުވާއަށް އިތުރުކޮށްދީފައިވާ 30 ދުވަހުގެ މުއްދަތު އަނބުރާ ގެނެސްފައެވެ. ސަބަބެއް ކަމަށް ކަރެކްޝަންސް އިން އޭރު ބުނީ ރައީސް ނަޝީދު ސާޖަރީހެއް ހަދަން އެޑްމިޓްވާ ކަމަށް ލިޔުންތަކުން އެނގެން އޮންނައިރު، ރައީސް ނަޝީދު ސާޖަރީއެއް ހަދަން ނޫޅޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވާތީ ކަމަށެވެ.

އޭގެފަހުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ކަރެކްޝަންސްގެ އެ ނިންމުން އަލުން މުރާޖާކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އެ ނިންމުން މުރާޖާކުރުމަށްފަހު ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުގެ ނިންމުމާ އެއްގޮތަށް މިދިޔަ މެއި މަހުގެ ހަތަރު ވަނަ ދުވަހު ވަނީ 30 ދުވަހަށް ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދެއްވާފަ އެވެ.