ވިއްސާރައިގައި ހާލުގައި ޖެހުނު ސްރީލަންކާގެ ރައްޔިތުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ މިހާރު ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެގައުމުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގުމުގެ ސަބަބުން، ހާލުގައި ޖެހިފައިވާ މީހުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރާއްޖެއިން ފައިސާގެ އެހީއެއް ވެދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ސްރީލަންކާ އަށް ފުރާވަޑައިގެންފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ބޯކޮށްވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ސްރީލަންކާގެ ބައި މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްދާންޖެހިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ލަންކާގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން މިހާތަނަށް 64 މީހަކު މަރުވެފައިވާކަމަށް އޮފިޝަލުން ކަށަވަރުކޮށްދެއްވަ އެވެ.

ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދުގައި ތާށިވެފައިވާ ކަމަށް ލަފާ ކުރެވޭ 132 މީހަކު ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން ދަނީ މިހާރުވެސް ކުރަމުންނެވެ. ނަމަވެސް، އެމީހުން ދިރިތިއްބާ ސަލާމަތް ކުރެވުމަކީ ނާދިރު ކަމެއް ކަމަށް ސަލާމަތީ ފަރާތްތަކުން ވަނީ ބުނެފަ އެވެ.