22 May 2016, 17:52
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ރާއްޖޭގައި ދެމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑް، "މޯލްޑިވްސް ޓްރެވަލް އެވޯޑް" އަށް އާ ޓްރޮފީއަކާ އެކު އިތުރު ފަސް ކެޓަގަރީ އިތުރުކޮށްފި އެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްސް އެންމެ ފުރަތަމަ ދީފައި ވަނީ 2012 ވަނަ އަހަރު އެވެ. އެއަށްފަހު އަހަރަކަށް ފަހު އަހަރަކަށް އެވޯޑް ފުޅާވަމުން އައިސް މިއަދު މަޓާޓޯ ޓްރެވަލް އެވޯޑްސް ވެފައި ވަނީ ޓޫރިޒަމް ދާއިރާގައި މަގުބޫލު އެވޯޑަކަށެވެ.
އެހެން އަހަރުތަކުގައި މަޓާޓޯ ޓްރެވަލް އެވޯޑްސް އިންތިޒާމު ކުރަމުން އައީ ހައިރައިޒް އިންނެވެ. ނަމަވެސް މިއަހަރު މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ނަމުގައި ދޭ އެ އެވޯޑް އިންތިޒާމު ކުރާނީ ތިންކް އެސޯސިއޭޓްސް އިންނެވެ.
އާ ކެޓަގަރީތައް ތައާރަފްކޮށް ޓްރޮފީ ދައްކާލުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް މުނާޒް ވިދާޅުވީ، މިފަހަރު ވެސް އެކި ރިސޯޓްތަކާއި ގެސްޓްހައުސް އަދި ގެސްޓްހައުސް އައިލެންޑްސް ގެ އިތުރުން ޓޫރިޒަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން އެވޯޑް ދޭނެ ކަމަށެވެ.
މިފަހަރު އަލަށް އިތުރުކޮށްފައިވާ ފަސް ކެޓަގަރީ އަކީ، ލީޑިން މާކެޓިން ޕްރޮގްރާމް، ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ލީޑިން ގެސްޓްހައުސް އައިލެންޑް، ލީޑިން އެފްއެންޑްބީ އައުޓްލެޓް އަދި ލީޑިން އެއާޕޯޓް ލައުންޖް އެވެ. އެ ފަސް ކެޓަގަރީއާ އެކު މިއަހަރު ޖުމްލަ 35 ކެޓަގަރީއަކުން މޯލްޑިވްސް ޓްރެވަލް އެވޯޑްސް ދޭނެ އެވެ.
މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ، ޓްރެވަލް އެވޯޑްސް ބާއްވާނެ ވަކި ތާރީޚެއް އަދި ކަނޑަނާޅާ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެވޯޑް އޮންނާނެ ތާރީޚާއި ތަން އަންގައި އެވޯޑަށް ވޯޓް ދިނުމަށް އާންމުކޮށް ހުޅުވަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.