22 May 2016, 17:57
ހުޅުލެއަށް ދިއުމަށް މާލޭގެ ފަޅުން ނުކުންނަނިކޮށް ރޯވެ އެނދި "ނިރުމާ" ލޯންޗުގައި އަލިފާން ރޯވީ ޕެޓްރޯލް ޓޭންކުގައި ރޯވުމުގެ ސަބަބުން ކަމަށާއި އެލޯންޗު ވަނީ އިންޝުއަރެންސް ކޮށްފައިކަމަށް ލޯންޗުގެ ވެރިފަރާތުން ބުނެފިއެވެ.
މިއަދު 2:20 އެހައިކަންހާއިރު ހިނގި އެހާދިސާގައި ލޯންޗު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު ލޯންޗުގެ ވެރިފަރާތްކަމަށްވާ އަބްދުﷲ އަހުމަދު "ސަން" އަށް މިއަދު ބުނީ އެލޯންޗުގައި އަލިފާން ރޯވީ ސްޓާޓު ކުރަން އުޅުމުގެ ތެރެއިން ޕެޓްރޯލް ޓޭންކުގައި ރޯވެގެން ކަމަށެވެ.

މާލެ ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއްގައި އަލިފާން ރޯވެ އަންދަނީ --- ސަން ފޮޓޯ/ ޔޫސުފް ސަފްވާން
"ވީގޮތަކީ ސްޓާޓްކޮށްގެން ދަނިކޮށް ނިވުނީމަ ދެވަނަ ފަހަރު ސްޓާޓްކޮށްލަން އަނެކަތި ކޮށްލިގަޑީގައި ޕެޓްރޯލް ޓޭންކުގައި ރޯވީ،" އަބްދުﷲ ބުންޏެވެ.
މާފުށީ ގެސްޓް ހައުސްތަކަށް ޓޫރިސްޓުން އުފުލުމަށް މަސައްކަތްކުރާ އެލޯންޗް ދުއްވާތާ ދެ އަހަރުވެފައިވާއިރު މީގެ ކުރިން މައްސަލައެއް ކުރިމަތިވެފައިނުވާ ކަމަށް އަބްދުﷲ ބުންޏެވެ.
އެލޯންޗުގައި އަލިފާން ރޯވެފައިވަނީ ޓޫރިސްޓުން ބަލައި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ދަނިކޮށެވެ. އެވަގުތު ލޯންޗުގައި ތިބީ ތިން ދިވެހިންނެވެ. އެމީހުންނަށް މިހާރު އައިޖީއެމްއެޗް އިން ފަރުވާ ދެމުންދާއިރު އެތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ފިހިފައިވަނީ ވަރަށް ކުޑަކޮށްކަމަށް އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވިއެވެ.

މާލެ ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއްގައި އަލިފާން ރޯވެ އަންދަނީ --- ސަން ފޮޓޯ/ ޔޫސުފް ސަފްވާން
އެ ލޯންޗަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން ބުނަން އަދި ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އެލޯންޗުގެ އިތުރުން އެހެން ލޯންޗެއްވެސް އޭނާ ދުއްވައެވެ.
ލޯންޗުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު މެރިން ޕޮލިސް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.