ސީރިއާ ހަނގުރާމައަށް ދާން އުޅުނު ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

މިއީ މިފަދަ މައްސަލައެއްގައި ދައުލަތުން ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންނަކީ ލ. މާމެންދޫ، މުރިނގު، އަހުމަދު ލަތީފާއި ގދ. ރަތަފަންދޫ، ނީލްވިލާ، އަހުމަދު ސުހައިލް މޫސާ ގެ އިތުރުން ތ. ގާދިއްފުށި، ސީނަރީގެ، މުނައްވަރު އަބްދުﷲ ގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނީ އެ ތިން މީހުންގެ މައްޗަށް އެ ދައުވާ އުފުލީ ސީރިއާ ހަނގުރާމާގައި ބައިވެރިވުމަށް އެ ގައުމަށް ދިޔުމަށްޓަކައި މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ރާއްޖެއިން ފުރައިގެންގޮސް ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ހުރަސްކުރަން އުޅެފައިވާތީ ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ، ރާއްޖެއިން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ގޮސްފި މީހެއްގެ އަދަބަކީ 17 އަހަރާއި ވިހި އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.

ރާއްޖެއިން ބޭރުގައި ކުރާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ދީނީގޮތުން ހުއްދަ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.