22 May 2016, 15:50
ކާބުލް (މޭ 22): އެމެރިކާ އިން ދިން ޑްރޯން ހަމަލާއެއްގައި ތާލިބާނުންގެ ލީޑަރު، މުއްލާ މުހައްމަދު އަހުތަރު މަންސޫރު މަރާލާފައިވާ ކަމަށް އަފްގާނިސްތާނުގެ އިންޓެލިޖެންސް އޭޖެންސީން ޔަގީންކޮށްދީފި އެވެ.
އަފްގާނިސްތާނުގެ ޓީވީން ވަގުތުން ދެއްކި ކެބިނެޓު މީޓިންއެއްގެ ވާހަކަފުޅު ދައްކަވަމުން އަފްގާނިސްތާނު އިންޓެލިޖެންސު އޭޖެންސީގެ ޗީފް އެގްޒެކެޓިވް، އަބްދުﷲ އަބްދުﷲ ވިދާޅުވީ މަންސޫރުގެ މަރަކީ އެގައުމުގައި ސުލްހަ ގާއިމު ކުރުމަށް އެޅުނު ފިޔަވަޅެއް ކަމުގަ އެވެ.
"ސުލްހައިގެ ވާހަކަތަކުގައި ތާލިބާނުން ބައިވެރިވުން ހުއްޓުވުމުގައި އެންމެ އިސްކޮށް އުޅުނީ މަންސޫރު. މުއްލާ އުމަރު [ތާލިބާނުންގެ ކުރީގެ ލީޑަރު] މަރުވުމުން އެޖަމާއަތުގެ ލީޑަރަކަށް ވީދުވަހުން ފެށިގެން އޭނާ ވަނީ އާއްމުންނާ ދެކޮޅަށް، ހާއްސަކޮށް އަފްގާނިސްތާނުގައިދޭ ހަމަލާތައް އިތުރުކޮށްފައި،" އަބްދުﷲ ވިދާޅުވި އެވެ.
މީގެ އިތުރުން، ތާލިބާނުންގެ ކޮމާންޑަރެއް ކަމަށްވާ މުއްލާ އަބްދުއް ރައުފް ވެސް ވަނީ މަންސޫރު މަރާލާފައިވާ ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި ހުކުރު ދުވަހު އެމެރިކާގެ ޑްރޯން ހަމަލާއަކުން މަންސޫރު މަރާލާފައި ވަނީ އަފްގާނިސްތާނާއި ޕާކިސްތާނާ ގުޅޭ ހުރަސް ރޮނގު ކައިރިންނެވެ.
މަންސޫރު މަރާލުމުން ތާލިބާނުންގެ ލީޑަރަކަށް ދެން އައްޔަން ކުރާނެ ކަމަށް މާހިރުން ދެކެނީ، ތާލިބާނުންގެ ކުރީގެ ލީޑަރު މުއްލާ އުމަރުގެ ދަރިފުޅު، މުއްލާ މުހައްމަދު ޔައުގޫބެވެ. ޔައުގޫބަކީ ތާލިބާން ހަނގުރާމަވެރިން ހަރަކާތްތެރިވާ އަފްގާނިސްތާނުގެ 34 ޕްރޮވިންސުގެ ތެރެއިން 15 ޕްރޮވިންސުގެ ފައުޖުތަކުގެ ލީޑަރެވެ.