22 May 2016, 15:34
ސްރީލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން، އެކި ސަބަބުތަކާ ހެދި މިދިޔަ އަހަރު ކޮންމެވެސް ވަރަކަށް ދަށްވެފައިވާ ކަމަށާއި ނަމަވެސް މިއީ ރަނގަޅު ކުރެވޭނެ ކަމެއް ކަމަށް ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު ޒާހިޔާ ޒަރީރު ވިދާޅުވެއްޖެ އެވެ.
ޒާހިޔާ މިހެން ވިދާޅުވީ، ސިލޯން ޗެމްބާ އޮފް ކޮމާސްގެ އަހަރީ އާންމު ޖަލްސާގެ ހަވާސާގައި އޮތް، ސްރީލަންކާ، މޯލްޑިވްސް ބައިލެޓެރަލް ބިޒްނަސް ކައުންސިލްގައި ވާހަކަ ދައްކަވަމުންނެވެ.
މިދިޔަ ހަފްތާގައި ކޮލޮމްބޯގައި ބޭއްވި އެ ބައްދަލުވުމުގައި ޒާހިޔާ ވިދާޅުވީ ސްރީލަންކާގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އެކި ދާއިރާތަކުން ވިޔަފާރި ކުރާ ކަމަށާއި ދިވެހި ކުންފުނިތަކުން ވެސް ލަންކާގައި ވިޔަފާރިކުރާ ކަމަށެވެ.
އަދި، މިދިޔަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރި ދަށްވެފައިވާ ކަމަށާއި ނަމަވެސް ދެގައުމުން ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ އެކަން ރަނގަޅު ކުރެވޭނެ ކަމަށް ޒާހިޔާ ވިދާޅުވި ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓު ކުރެ އެވެ.
ދެހާސް ސާދަ ވަނަ އަހަރު ލަންކާ އިން ރާއްޖެ އަށް ވަނީ 1.1 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ. އަދި ރާއްޖެ އިން ލަންކާއަށް 104 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެ އެވެ.
އެހެން ނަމަވެސް، މިދިޔަ އަހަރު ލަންކާ އިން ރާއްޖެ އަށް އެކްސްޕޯޓުކުރި މުދަލުގެ އަގު އެއް މިލިޔަން ރުފިޔާއަށް ދަށްވި އިރު، ލަންކާ އިން އިމްޕޯޓުކުރި ރާއްޖޭގެ މުދަލުގެ އަގު ވަނީ 312 މިލިޔަން ރުފިޔާއަށް އިތުރުވެފަ އެވެ.
ޒާހިޔާ ވިދާޅުވީ، މުސްތަގުބަލުގައި ދެ ގައުމުން ވެސް ވިޔަފާރީގެ ދާއިރާ އިން ރަނގަޅު ނަތީޖާތަކެއް ދެއްކުމަށް މަސައްކަތް ކޮށްފި ނަމަ އެކަން ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
މީގެ އިތުރުން ޒާހިޔާ ވިދާޅުވީ، ދިވެހި ރައްޔިތުން މިހާރު ދަނީ، ތަފާތު ޕްރޮޑަކްޓްތައް ބޭނުންކުރުމުގެ ބަދަލުގައި ވަކި ބްރޭންޑުތަކެއް ނޫނީ ބޭނުން ނުކުރުމުގެ ވިސްނުމެއް ގެންގުޅޭން ފަށާފައި ކަމަށާއި ރާއްޖޭގައި ސްރީލަންކާގެ ބްރޭންޑެޑް ޕްރޮޑަކްޓްތަކަށް އޯޕަން މާކެޓެއް އޮންނާނެ ކަމަށެވެ.
އަދި ދިވެހި އިގްތިސާދު ވަރަށް ހަލުއިކޮށް ކުރިއަތަމުންދާ ކަމަށާއި ރާއްޖެއަކީ އެކި ދާއިރާތަކުން ފޮރިން އިންވެސްޓަރުން އިންވެސްޓް ކުރެވޭ ވަރުގެ ތަނެއް ކަމަށެވެ.