12 May 2011, 15:05
ސަސްޕެންޑް ކޮށްފައިވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް [އައިއެމްއެފް]ގެ ޕެކޭޖަށް ރާއްޖެ އަނބުރާ ދިއުމުގެ މަޝްވަރާތަކެއް ދިވެހި މަރުކަޒީ ބޭންކާއި އައިއެމްއެފް އާ ދެމެދު ފަށައިފި އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އައިއެމްއެފްގެ ޕްރޮގްރާމުން ރާއްޖެ އެއްފަރާތް ކުރީ ދިވެހި ސަރުކާރުން ފުރިހަމަ ކުރަން ޖެހޭ ބައެއް ޝަރުތުތައް ރާއްޖެ އިން ފުރިހަމަކޮށްފައި ނުވާތީ ކަމަށް އޭރު ސަރުކާރުން ވެސް އަދި އައިއެމްއެފުން ވެސް ވަނީ ބުނެފަ އެވެ.
މިހާރު ރާއްޖެ ޒިޔާރަތްކޮށްގެން އުޅޭ އައިއެމްއެފްގެ ހަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދާ އެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ [އެމްއެމްއޭ] އިން ވަނީ މަޝްވަރާތަކެއް ބާއްވައިފައި ކަމަށް އެމްއެމްއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައިވެ އެވެ.
މީގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވެފައި ވަނީ އައިއެމްއެފްގެ ޕްރޮގްރާމަށް އެނބުރި ދެވޭނެ ގޮތްތަކަކާ މެދު އަވަސް މުސްތަގުބަލެއްގައި އައިއެމްއެފްއާ އެކު ވާހަކަދައްކާނެ ކަމަށެވެ.
އެމްއެމްއޭގެ އިތުރުން ފިނޭންސް މިނިސްޓަރާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާ ބައްދަލުކުރާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އަދި އެ މަޝްވަރާތަކުގައި ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ގެނައި ބަދަލުތަކާއި އެކަމުން ކުރަމުން އަންނަ އަސަރުތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށެވެ.