22 May 2016, 15:13
އެކި ގޮތްގޮތުން އިމިގްރޭޝަންގައި ރައްކާކޮށްފައި ހުރި ބިދޭސީންގެ ޕާސްޕޯޓްތަކުގެ ޑިޖިޓަލް ކޮޕީއެއް ލޯ އެންފޯސްމަންޓް އެޖެންސީތަކާ ހަވާލުކޮށް އެކި ކަންކަން މެނޭޖްކުރުމުގެ މަސައްކަތް ނެޝަނަލް އާކައިވްސްއާ ހަވާލުކޮށްފި އެވެ.
ނެޝަނަލް އާކައިވް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ނެޝަނަލް އާކައިވްސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޝާތިރު އެވެ. އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަބްދުﷲ އަލްގީން އެވެ.
އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވީ އެންސީއައިޓީ އާއި ނެޝަނަލް އާކައިވްސް އިން އަބަދު ވެސް މަސައްކަތް ކުރަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސަރުކާރުގެ އެކި ވުޒާރާތަކުން ކޮށްދޭ ހިދުމަތްތައް އިލެކްޓްރޯނިކްގެ ޒަރިއްޔާ އިން ފަސޭހަކޮށްދިނުމަށް ކަމަށެވެ. އެގޮތުން ރާއްޖޭގައި ބިދޭސީން މެނޭޖްކުރުމުގެ މައްސަލައަކީ މިހާރު ދިމާވެފައި އޮތް ބޮޑު ޗެލެންޖެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ މައުލޫމާތުތައް އާކައިވް ކުރަން މިހާރު ވިކިޕީޑިއާގެ "ރޮބޮޓިކް ސްކޭނިން" ބޭނުންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އެކަމާ ސަރުކާރާ އެކު މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމީ އަރުޝީފު ނުވަތަ ނެޝަނަލް އާކައިވްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޝާތިރު ވިދާޅުވީ ނެޝަނަލް އާކައިވްގައި ހުންނާނީ އެކި ގޮތްގޮތުން ފިލަން ނުވަތަ ގެއްލިފައިވާ ބިދޭސީންގެ ޕާސްޕޯޓްތައް ކަމަށެވެ. އެގޮތުން އެފަދަ ތަކެތި ޑިޖިޓަލްކޮށް އާކައިވްކޮށް ރަނގަޅު ނިޒާމެއްގެ ތެރެއިން ބަލަހައްޓަން ފެށުމުން ބިދޭސީން ފޮނުވާލުމާއި އެހެނިހެން ކަންކަމުގައި ކަމާ ބެހޭ ވުޒާރާތަކަށް ލުއި ލިބޭނެ ކަމަށް ވިދާޅުވި އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ނެޝަނަލް އާކައިވް އިން އެފަދަ ލިޔުންތައް ޒަމާނީ ފެންވަރުގެ ސިސްޓަމެއްގައި އާކައިވްކޮށް ބަލަހައްޓަމުން ގެންދާނެ އެވެ. މިއަދު ނެޝަނަލް އާކައިވްސް އިން ވަނީ އާކައިވް ކުރުމުގައި ބޭނުން ކުރާ ސިސްޓަމް ދައްކާލައިފަ އެވެ.