ދިމިޝްގު (މޭ 22): ފާއިތުވި ފަސް އަހަރު ތެރޭގައި ސީރިއާ ސަރުކާރުގެ ޖަލުތަކުގައި އަނިޔާ ކުރުމުގެ ސަބަބުންނާއި ޖަލުތަކުގެ އިންސާނީ ހާލަތު ދަށް ވުމުގެ ސަބަބުން 60،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހަނގުރާމަ މޮނިޓާ ކުރާ ގުރޫޕަކުން ބުނެފި އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި އެމައުލޫމާތު ހޯދާފައި ވަނީ ސީރިއާގެ ސަރުކާރުންނެވެ.

"އަނިޔާގެ ސަބަބުންނާއި ޖަލުގެ ހާލަތު ދަށް ވުމުގެ ސަބަބުންނާއި ބޭސް ފަރުވާ އާއި ކާނާ ނުލިބުމުގެ ސަބަބުން ސަރުކާރުގެ ޖަލުތަކުން 2011ގެ ފަހުން މަދުވެގެން 60،000 މީހަކު މަރުވެފައިވޭ،" އޮބްޒަވޭޓަރީގެ ރަމީ އަބްދުއް ރަހުމާނު ވިދާޅުވި އެވެ.

ސީރިއާގައި އޮތް ބައްޝާރުލް އައްސަދުގެ ވެރިކަމާ ދެކޮޅަށް ފެށުނު މުޒާހަރާތައް ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެމެދު ކުރަން ފެށި ހަނގުރާމަ އަކަށް ބަދަލުވީ 2011 ވަނަ އަހަރެވެ.

އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ވަނީ ސީރިއާގެ ސަރުކާރުން ހައްޔަރުކޮށްފައިވާ އިދިކޮޅު ޖަމާއަތްތަކުގެ މީހުންނަށް ޖަލުތަކުގައި އަނިޔާދޭ ކަމަށް ބުނެ ފަ އެވެ. (ބީބީސީ)