22 May 2016, 15:21
ދިވެހި ބަހުގެ އެކެޑެމީ އިން މި އަހަރުން ފެށިގެން ދޭން ނިންމާފައިވާ "އެކެޑެމީ އިނާމަ"ށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިވެހި ބަހުގެ އެކެޑެމީން "އެކެޑެމީ އިނާމު" ދެނީ ތިން ދާއިރާއަކުންނެވެ. ކޮންމެ ދާއިރާއަކުން ވެސް އިނާމު ދެވޭ ތަފާތު ރޮނގުތަކެއް ހުރެ އެވެ.
އެކެޑެމީ އިން ކުރި އިއުލަނެއްގައި ބުނީ، އެކެޑަމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަމުގައާއި ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ ނަމުގައި ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި "އެކެޑަމީ އިނާމަށް ނަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރުމަށް ފަހު "އެކެޑެމީ އިނާމު"ގެ ނަމުގައި އެޑްރެސްކޮށް، ދިވެހި ބަހުގެ އެކެޑެމީއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އިނާމަށް އެދި ހުށަހަޅާ ފޯމު ދިވެހި ބަހުގެ އެކެޑެމީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
އެކެޑެމީ އިން ބުނީ، އިނާމަށް އެދި ނަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 22 ޖޫންގެ މެންދުރު 1:30 ގެ ކުރިން ކަމަށެވެ.
އެކެޑެމީ އިނާމުދޭ ދާއިރާތައް
1. ދިވެހި ބަހުގެ ދާއިރާ
މުހައްމަދު އަމީން ދީދީ އިނާމު
އިނާމު ދެވޭ ރޮނގުތައް: ބަހަވިއްޔާތު، ބަހުގެ ގަވައިދު، ބަހުގެ ތާރީޚު، ބަހުގެ އަދަބު، ބަސް ޓެކްނޮލޮޖީއާ ރައްޓެހިކުރުން، ތަރުޖަމާކުރުން، ދިވެހިބަސް ކިޔަވައިދިނުން.
2. އަދަބިއްޔާތުގެ ދާއިރާ
ސަލާހުއްދީން އިނާމު
އިނާމު ދެވޭ ރޮނގުތައް: ލިޔުންތެރިކަން- ނައިބު ތުއްތު އިނާމު
އިނާމު ދެވޭ ރޮނގުތައް: ޅެންވެރިކަން
3. ދިވެހި ތާރީޚުގެ ދާއިރާ
ތާޖުއްދީން އިނާމު
އިނާމު ދެވޭ ރޮނގުތައް: ތާރީޚު ދިރާސާކުރުން، ތާރީޚު ފޮތް ލިޔެ އެކުލަވާލުން، ތާރީޚީ ޢިލްމު ކުރިއެރުވުން