"މާލޭ ހިޔާ 1"ގައި ބޭނުންކުރާ ލިފްޓުގެ ފޫ ވެއްޓުމާއެކު އާ ލިފްޓެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސިޓީ ކައުންސިލްއިން ބުނެފި އެވެ.

ދިހަ ބުރިއަށް ހަދާފައިވާ މާލޭ ހިޔާ އެކެއްގެ ލިފްޓް ބާވުމުން، އެ ލިފްޓް ބޭނުން ކުރުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. އެކިފަހަރުމަތިން އެ ލިފްޓްގެ މަރާމާތަށް މެދުކަނޑާލާފައިވެ އެވެ. ލިފްޓަށް މިހާރު ދިމާވެފައިވާ މައްސަލައަކީ އެތެރޭގައި ޖަހާފައިވާ މުށިތައް ނެއްޓި، ފުލުން އެއްބައި ނެއްޓިފައިވުމެވެ. އަދި ލިފްޓުގެ ސުވިޗުތަކާއި ފިނިކުރާ ނިޒާމަށް ވަނީ މައްސަލަ ޖެހިފަ އެވެ.

މާލެ ހިޔާ އާއި ސިނަމާލެ ފުލެޓުތައް ބަލަހައްޓާ މާލޭ ސިޓީ ކައުސިލްގެ މޭޔަރު މުހައްމަދު ޝިހާބް "ސަން"އަށް މިއަދު ވިދާޅުވީ އާ ލިފްޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ލަފާ ކުރެވޭ ގޮތުގައި ކުރިއަށް އޮތް ހަ މަހެއްހާ ދުވަހުގެ ތެރޭގައި ލިފްޓު ގެނެވޭނެ ކަމަށެވެ.

ލިފްޓުގެ ތެރެއަށް ކުޑަކަމުދިއުމާއި ހޮޑުލުމުގެ ސަބަބުން އެ ލިފްޓް ވަރަށް ބޮޑަށް ހަޑިވެފައިވާ ކަމަށް ވެސް އެ ފުލެޓުގައި ދިރިއުޅޭ ފަރާތްތަކުން ބުނެއެވެ.