މެލޭޝިއާގެ ލޯ ބަޖެޓް އެއާލައިން، އަދި އެ ގައުމާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރާ ހަމައެކަނި އެއާލައިން އެއާ އޭޝިއާގެ ޓްރެވަލް އެންޑް ސާވިސް ސެންޓަރެއް މާލޭގައި ހުޅުވައިފި އެވެ.

އެ ސެންޓަރު ހުޅުވީ ބޮޑުރަސްގެފާނު މަގުގައި ހުންނަ ގ. ފަސްމޫގޫގެ ފުރަތަމަ ފަންގިފިލާގަ އެވެ. އެއާ އޭޝިއާގެ ފަރާތުން ރާއްޖޭގައި އެ ސެންޓަރު ހިންގައި ދެނީ، އެއާ އޭޝިއާގެ ރާއްޖޭގެ ޕާޓްނަރު އޯލް އެޗް މޯލްޑިވްސް އެވެ.

އެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، އެއާ އޭޝިއާ ޓްރެވަލް އެންޑް ސާވިސް ސެންޓަރު ހުޅުވައި ދެއްވީ އެއާ އޭޝިއާ ބެރްހޭދްގެ ސީއީއޯ އައިރީން އޮމަރާއި ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

އެއާ އޭޝިއާގެ ސީއީއޯ އައިރީން ވިދާޅުވި ގޮތުގައި އެ ސެންޓަރު ހުޅުވިގެން ދިއުމަކީ ރާއްޖޭގެ އެއާ އޭޝިއާ ކަސްޓަމަރުންނަށް ވަރަށް ގިނަ ފަސޭހަތަކެއް ވެގެން ދާނެ ކަމަކެވެ. އެގޮތުން، އޮންލައިންކޮށް ފްލައިޓު ބުކް ނުކުރެވޭ ފަރާތްތަކަށް މި ސެންޓަރުގެ ޚިދުމަތް ހޯދޭނެ ކަމަށް އައިރީން ވިދާޅުވި އެވެ.

އެއާ އޭޝިއާ ޓްރެވަލް އެންޑް ސާވިސް ސެންޓަރު މާލޭގައި ހުޅުވި ރަސްމިއްޔާތުގެ ތެެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މީގެ އިތުރުން، މި ސެންޓަރު ހުޅުވުމުގެ މުނާސަބަތުގައި، އެއާ އޭޝިއާއިން ވަނީ ޚާއްސަ ޕްރޮމޯޝަނަލް ފެއާއެއް ތައާރަފް ކޮށްފަ އެވެ. އެގޮތުން، މެލޭޝިއާގެ ކުއާލަ ލަމްޕޫރުން ކެމްބޯޑިއާގެ ސިއެމްރީޕްއާއި ޗައިނާގެ ވުހާން އަދި ޝެންޖެންއަށް، މެލޭޝިއާގެ ޖޮހޯރް ބަހްރޫއިން ޗައިނާގެ ގުއަންޖޯއަށް، އަދި އިންޑޮނޭޝިއާގެ ބާލީއިން އޮސްޓްރޭލިއާގެ ޑާވިން އަދި ޕާރތުއަށް އެއާ އޭޝިއާ އަދި އެއާ އޭޝިއާ އެކްސްގައި ދަތުރުކުރުމަށް ނަގާ ޓިކެޓުތަކުން 20 ޕަސަންޓުގެ ޑިސްކައުންޓް ދިނުމަށް އެ އެއާލައިނުން ނިންމާފައިވެ އެވެ.

އެ އެއާލައިނުން ބުނީ، އެ ފެއާ ޓިކެޓު ލިބޭނީ މިއަދު ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް، އެއާ އޭޝީއާ މާލެ ޓްރެވަލް އެންޑް ސާވިސް ސެންޓަރުން އެކަނި ކަމަށާއި ޖޫން އެއް ވަނަ ދުވަހުން އޮގަސްޓް 31 ގެ ނިޔަލަށް ފެއާގައި ދަތުރު ކުރެވޭނެ ކަމަށެވެ.

އެއާ އޭޝިއާއިން މާލެ އާއި ކުއާލަ ލަމްޕޫރާ ދެމެދު ދަތުުރު ކުރާ ހުރިހާ ފްލައިޓެއްގެ 85 ޕަސަންޓު އެވަރޭޖްކޮށް ފުލްވާ ކަމަށް އެ އެއާލައިނުން ބުނާ އިރު، އެއާ އޭޝިއާއަކީ މެލޭޝިއާއާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ބާއްވާ ހަމައެކަނި އެއާލައިނެވެ.

އެ އެއާލައިނުން ބުނީ ރާއްޖެއަށް އެ އެއާލައިނުން ދަތުރުތައް ފެށުމުގެ ސަބަބުން، ކުއާލަ ލަމްޕޫރު މެދުވެރިކޮށް ރާއްޖެ، ނުވައަކަށް ވުރެ ގިނަ ގައުމުން 21 އަށް ވުރެ ގިނަ މަންޒިލާ ގުޅުވައިދެވިއްޖެ ކަމަށެވެ. އޭގެ ތެރޭގައި ޗައިނާ، އޮސްޓްރޭލިއާ ޖަޕާން، ވިއެޓްނާމް، ފިލިޕީންސް އަދި ތައިލެންޑުގެ މަންޒިލުތައް ހިމެނެ އެވެ.