22 May 2016, 13:44
މެލޭޝިއާގެ ލޯ ބަޖެޓް އެއާލައިން، އެއާ އޭޝިއާއިން ރާއްޖޭގެ ދެކުނުގައި، އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށުމާ މެދު ވިސްނަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
އެއާ އޭޝިއާގެ، ރާއްޖޭގެ ޓްރެވަލް އެންޑް ސާވިސް ސެންޓަރު ހުޅުވުމުގެ މުނާސަބަތުގައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަމުންދާ ފަދައިން، ގަން އިންޓަނޭޝަނަލް އެއާޕޯޓު ވެސް ތަރައްގީ ކުރުމުގެ މަޝްރޫއެއް ކުރިއަށް ދާ ކަމަށެވެ.
އެއާ އޭޝިއާ ބެރްހޭދްގެ ސީއީއޯ އައިރީން އޮމަރު -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން
މިނިސްޓަރު ވިދާޅުވީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް، ވަރުގަދަ ކުރުމުގެ މަސައްކަތް ކުރާ ކަމަށާއި މި އަހަރު ތެރޭގައި އެ މަސައްކަތް ނިމުމުން، އައްޑޫ އިންޓަނެޝަނަލް އެއާޕޯޓަށް ބޮއިން 777 މަރުކާގެ ބޯޓުތައް ޖެއްސޭނެ ކަމަށެވެ.
މިއާ އެކު، މިނިސްޓަރ ވަނީ އެއާ އޭޝިއާގެ ފްލައިޓުތައް އައްޑޫއަށް ފެށުމުގެ ދައުވަތު، އެ އެއާލައިނަށް ދެއްވައިފަ އެވެ.
"އެއާ އޭޝިއާއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ފެށުމުގެ ދައުވަތު އެ ފަރާތަށް ދެވޭކަމީ ލިބޭ ޝަރަފެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން "ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެއާ އޭޝިއާ އެއާލައިން ހިންގާ ކުންފުނި، އެއާ އޭޝިއާ ބެރްހޭދްގެ ސީއީއޯ އައިރީން އުމަރު ވިދާޅުވީ، އައްޑޫއަށް ދަތުރުތައް ފެށުމަކީ، އޭނާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައިގަނޑު އެއްބައި ކަމަށެވެ.
"މި ދަތުރުގައި އަޅުގަނޑުމެން ގަން އެއާޕޯޓާ، އެތަނުގެ ވަށައިގެންވާ މާހައުކާ އެހެނިހެން ކަންކަން ރިވިއު ކުރާނަން. އެއީ އަޅުގަނޑުގެ ދަތުރުގެ ވަރަށް މުހިންމު ބައެއް،" އައިރީން ވިދާޅުވި އެވެ.
ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު --ސަން ފޮޓޯ/ޔޫސުފް ސޮފްވާން
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ، އެއާ އޭޝިއާގެ ފައުންޑަރު ހިންގާ ހޮޓެލް ޗެއިން "ޓިއުން ހޮޓެލްސް"އިން، ރާއްޖޭގެ ފަތުރުވެރިކަމުގައި އެ ކުންފުންޏަށް ހުރި ފުރުސަތުތައް ބެލުމަށް އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން، މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެއާ އޭޝިއާއިން އެ އެއާލައިނުގެ ބޮޑެތި މަންޒިލުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މަސައްކަތްތަކެއް ކުރާ ކަމަށާއި ރާއްޖޭގެ ޓުއާ އޮޕަރޭޓަރުންނާ އޭޖެންޓުން ވެސް މި ފުރުސަތުގެ ބޭނުން ހިފައިފިނަމަ ފައިދާ ކުރާނެ ކަމަށެވެ.
އެއާ އޭޝިއާ ރާއްޖެއަށް ދަތުރުތައް ފެށީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އެ އެއާލައިނުން ރާއްޖެއަށް ހަފްތާގެ ތިން ދުވަހު ފްލައިޓުތައް ބާއްވަ އެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ.