22 May 2016, 12:58
ބައެއް ސިއްހީ މައްސަލަތައް ދިމާވުމާ ގުޅިގެން އަލަށް ފަށާ އޮޕަރޭޝަނާ އެކު މާލޭގައި ކާބޯތަކެތި ވިއްކާ ހުރިހާ ވިޔަފާރިއެއް ބަލައި ފާސްކުރާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.
އެމްއެފްޑީއޭގެ ޑިރެކްޓަރު ޖެނެރަލް ޝަރީފާ އާދަމް މަނިކު މިއަދު ސަން އަށް ވިދާޅުވީ މިހާތަނަކަށް ފިހާރަތަކުގައި ހުންނަ ކާބޯތަކެތި އެ އިދާރާ އިން އިންސްޕެކްޓް ނުކުރާ ކަމަށާއި ނަމަވެސް އަލަށް ފަށާ މަސައްކަތާ އެކު މާލޭގެ ހުރިހާ ފިހާރައެއް ބަލައި ފާސްކޮށް އިސްލާހުކުރަންވީ ގޮތާއި ރަނގަޅުކުރަންވީ ކަންކަން ބުނެދޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިފަށަނީ ހުރިހާ ފިހާރަތަކެއްގައި އެކްސްޕަޔާޑް[މުއްދަތު ހަމަވެފައި ހުރި] އެއްޗެތި ހުރޭތޯ، ސާފުތާހިރުކަމާއި ހަލާކުވެފައި ހުންނަ އެއްޗެހި ހުރޭތޯއްޔާއި ލޭބަލް ނުކުރާ އެއްޗެހި ހުރޭތޯ މިކަހަލަ އާންމު ސިއްހަތައް ގެއްލުން ހުރި ކާބޯތަކެތި ވިއްކާތަންތަން އަޅުގަނޑުމެން މިބަލަން ފައްޓަނީ." ޝަރީފާ ވިދާޅުވި އެވެ.
ދެ ދުވަހެއްގެ ތެރޭގައި އެ އޮޕަރޭޝަން ފައްޓާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ފިހާރަތައް ރެގިއުޅޭޓްކޮށް ބަލަހައްޓަމުން އަންނާނެ ކަމަށް ވެސް ޝަރީފާ ވިދާޅުވި އެވެ.
މާލޭގައި ފަށާ އެ އޮޕަރޭޝަން ކުރިއަށް އޮތްތަނުގައި މުޅި ރާއްޖެ އަށް ފުޅާކޮށް ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ކާބޯތަކެތި ވިއްކާ ތަންތަން ބަލައި ފާސްކުރާނެ ކަމަށް ވިދާޅުވި އެވެ.
ހާއްސަ އޮޕަރޭޝަންއެއް ފެށުމަށް އެފްޑީއޭ އިން ނިންމާފައިވާ އިރު ފިހާރަތަކުން ވިއްކާތަކެއްޗަކީ ސިއްހަތަށް ފައިދާ ނުކުރާ ފަދަ ގޮތަކަށް ވިއްކާ ތަކެތިކަން ވަނީ ފަޅާ އަރައިފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި ވެސް ވަނީ ކިލާފެނުން ތަރުކާރީ ދޮވެ ފިހާރައަކަށް ވައްދާ މައްސަލަ ފެންމަތިވެފަ އެވެ.