އިންފޮމޭޝަން ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ބޭނުންކޮށްގެން ޑެންގީ ބައްޔަށް ފަރުވާ ކުރުމުގައި ބޭނުންކުރަމުން އަންނަ ޕްރޮޓޮކޯލްތަކާއި ގައިޑްލައިންތަކަށް ސިއްހީ އެހީތެރިން އަހުލުވެރިކުރުވުމަށް މިނިސްޓްރީ އޮފް ހެލްތްގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެއްބަސްވެއްޖެ އެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ސާކު ޑިވެލޮޕްމެންޓް ފަންޑުގެ އެހީގައި މީހުން ދިރިއުޅޭ ރަށްރަށުގައި އީސެންޓަރުތައް ޤާއިމްކޮށް، ހިންގުމަށް ހަމަޖެހިފައިވާ "ރީޗިންގ ދަ އަންރީޗްޑް" އިނިޝިއޭޓިވްގެ ދަށުން އެ ތިން އިދާރާ އިން މިދިޔަ އަހަރުގެ ޖޫން މަހު ސޮއިކުރި އެމްއޯޔޫ އަށް ގެނައި ފުރަތަމަ އިސްލާހެވެ.

އިސްލާހު ގެނެސް މިއަދު ވެވުނު އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދެވެ. އެންސީއައިޓީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޝްމަލީ ވިދާޅުވީ ހެލްތު މިނިސްޓްރީއާ ގުޅިގެން އެ މަސައްކަތް ފެށީ މި ދުވަސްވަރަކީ ރާއްޖޭގައި ތަފާތު ރޯގާތައް ފެތުރެމުން އަންނަ ދުވަސްވަރަކަށް ވާތީ، ލިބިފައިވާ ބޭރުގެ އެހީ އެންމެ ރަނގަޅަށް ބޭނުން ކުރުމަށް ކަމަށެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ފަރާތުން ޑެންގީ ބައްޔަށް ފަރުވާ ކުރުމުގައި ބޭނުން ކުރަމުން އަންނަ ޕްރޮޓޮކޯލްތަކާއި ގައިޑްލައިންތަކަށް ސިއްހީ އެހީތެރިން އަހުލުވެރި ކުރުވައި ސިއްހީ ދާއިރާ އާއި ގުޅުންހުރި މައުލޫމާތު އެއްކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެއީ އެއް މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށާއި، އެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޑެންގީއަށް ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

އެ މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އީ-ސެންޓަރުތައް މެދުވެރިކޮށް، ކައުންސިލުތަކާއި ގުޅިގެންނެވެ.