22 May 2016, 12:29
އަމިއްލަ ރެކޯޑް މުގުރާލައި 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ހަސަން ސާއިދު އާ ކޮށްފި އެވެ.
ޖެމެއިކާގައި ތަމްރީން ހަދަމުންދާ ޒުވާން ދުވުންތެރިޔާ ސާއިދު ގައުމީ ރެކޯޑް އާކުރީ އިއްޔެ އެ ގައުމުގައި އޮތް "ޖާ އޯލް ކަމާސް މީޓް 2016" މުބާރާތުގައި ދުވެ 20.81 ސިކުންތުން ރޭސް ނިންމައި އެއް ވަނަ ހޯދައިގެންނެވެ.

އިއްޔެ ޖެމައިކާގައި އޮތް "ޖާ އޯލް ކަމާސް މީޓް 2016' މުބާރާތުގައި ސާއިދު ދުވަނީ ---
މީގެ ކުރިން ސާއިދު 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާ ކޮށްފައި ވަނީ މިދިޔަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 21.07 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ފަހަރު 200 މީޓަރު ފައިނަލުގައި ދުވެ، އޭނާ ވަނީ ރިހި މެޑެލްއެއް ހޯދައިފަ އެވެ. އިންޑިއާގައި މި އަހަރު ބޭއްވި އޭޝިއަން ގޭމްސްގެ 200 މީޓަރު ދުވުމުން ވެސް ސާއިދު ރިހި މެޑެލްއެއް ހޯދާފައިވާ އިރު މި ފަހަރު ސާއިދު ގައުމީ ރެކޯޑު އާކޮށްފައި ވަނީ 0.26 ސިކުންތުގެ ކުރިއެރުމަކާ އެކުގަ އެވެ.
އަންނަ އޮގަސްޓް މަހު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި އޮންނަ އޮލިމްޕިކް ގޭމްސްއަށް ތައްޔާރުވަމުން އަންނަ ސާއިދު ބުނީ 'އަމިއްލަ ކުރިއެރުމާ މެދު ފަޚުރުވެރިވާ' ކަމަށެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު ސާއިދަކީ 200 މީޓަރު ދުވުމުގެ އިތުރުން 60 މީޓަރު ދުވުމާއި 100 މީޓަރު ދުވުން އަދި 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮންނަ ދުވުންތެރިޔާ އެވެ. އޭގެ އިތުރުން ހަތަރެއް ގުނަ 100 މީޓަރު އަދި ހަތަރެއް ގުނަ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮންނަ ރިލޭ ޓީމުގައި ވެސް ސާއިދު ހިމެނެ އެވެ.