22 May 2016, 12:02
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާއަކަށް 57 ރުފިޔާ ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.
އެސްޓީއޯގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާ އެކު ނެރެފައިވާ ޖަލްސާގެ އެޖެންޑާގައި ބުނެފައި ވަނީ، 2015 ވަނަ އަހަރު ކުންފުންޏަށް ލިބުނު ފައިދާގެ ތެރެއިން ހިއްސާއަކަށް 57 ރުފިޔާ ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެ އަދަދު ފާސްވާނީ އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ކުރުނބާ ރިސޯޓުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އެ އަދަދު ފާސްކުރަން ވޯޓަށް އަހައި އަގުލަބިއްޔަތުން އެ އަދަދު ފާސްވުމުންނެވެ.
އެސްޓީއޯ އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން އެސްޓީއޯ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 520 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް 2014 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 573 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ.
އެސްޓީއޯގެ ސާފު ފައިދާ ދަށަށް ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔުމުން ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ އެ ކުންފުންޏަށް މަދުވުމުން ކަމަށް އެ ރިޕޯޓުގައިވެ އެވެ.