22 May 2016, 12:12
މިދިޔަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ތުހުމަތުކޮށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރަން ހުށަހެޅި ހެކީން ހާޒިރު ކުރަން ދެވަނަ ފުރުސަތު ކްރިމިނަލް ކޯޓުން ދައުލަތަށް ދީފި އެވެ.
މީގެ ކުރިން ބޭއްވި އެ މައްސަލައިގެ އަޑުއެހުމަށް ވެސް ހާޒިރުކޮށްފައި ވަނީ ހުށަހަޅާފައިވާ ދެ ހެކީންގެ ތެރެއިން އެންމެ ހެއްކެކެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ މުހުތާޒު ފަހުމީ ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެކީންނަކީ އެއް މަންޒަރެއް ފެނުނު ދެ މީހުން ކަމުގައިވާތީ އެ ދެ މީހުންގެ ހެކިބަސް ނަގާނީ އެއް ދުވަހެއްގައި ކަމަށެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ މިއަދުގެ އަޑުއެހުމަށް ވެސް ހާޒިރު ކުރެވުނީ އެންމެ ހެއްކެއް ކަމަށެވެ. ދެވަނަ މީހާ ހާޒިރު ނުކުރެވުނީ އޭނާ އުޅޭތަނެއް ހޯދުމަށް ދިމާވި ދައްޗަކާ ގުޅިގެން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
މިއަދު ހާޒިރުކުރި މީހާގެ ހެކިބަސް ނަގައިދިނުމަށް ދައުލަތުން މިއަދު އެދުނެވެ. ނަމަވެސް ގާޒީ މުހުތާޒު ފަހުމީ ވިދާޅުވީ ދެ ހެކީންނަކީ ވެސް އެއް މަންޒަރެއް ފެނުނު ދެ މީހުން ކަމުގައިވާތީ އެ ދެ މީހުންގެ ހެކިބަސް ނަގާނީ އެއް ދުވަހެއްގައި ކަމަށެވެ.
އެ މައްސަލާގައި ހެކިބަސް ނެގުން މިމަހުގެ 31 ވަނަ ދުވަހަށް ތާވަލްކޮށްފައިވާކަން ގާޒީ މިއަދު އިއުލާން ކުރެއްވި އެވެ.
ގާޒީ އެގޮތަށް އިއުލާން ކުރެއްވުމާ އެކު އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ހެކީން ހާޒިރުކުރަން ދައުލަތަށް މިއަދު އެ ދެވުނީ ދެވަނަ ފުރުސަތު ކަމަށާއި މަގުބޫލު އުޒުރެއް ނެތި ހެކީން ހާޒިރު ނުކުރެވޭނަމަ، ހެކީން ހާޒިރުކުރަން އިތުރު ފުރުސަތު ދައުލަތަށް ދޭންޖެހޭ ކަމަށް ނުދެކޭ ކަމަށެވެ.
މިމަހުގެ 31 ވަނަ ދުވަހު ދައުލަތުން ހުރިހާ ހެކީން ހާޒިރުނުކޮށްފިނަމަ، ހެކީން ހާޒިރުކުރަން އަދި ކިތައް ފުރުސަތު ދައުލަތަށް ދޭނެތޯ އާއި ނުވަތަ އެއީ ހެކީން ހާޒިރުކުރަން ދޭ އެންމެ ފަހު ފުރުސަތުތޯ ސާފުކޮށްދިނުމަށް ގާޒީ މުހުތާޒު ފަހުމީގެ އަރިހުން ސިރާޖު އެދިވަޑައިގަތެވެ. ނަމަވެސް އެ ސުވާލަށް ޖަވާބު ނުދެއްވައި ގާޒީ ވިދާޅުވީ މިއަދުގެ އަޑުއެހުން ނިމުނީ ކަމަށެވެ.
އަދީބުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުގައި ފިސްތޯލައެއް ގެންގުޅުއްވި މަންޒަރު ފެނުނު ކަމަށް ދެ މީހަކު ތަހުގީގަށް ބަޔާންދީފައި ވާތީ އެވެ.
އެ މައްސަލަ ސާބިތުކުރަން ދެ ހެކީންގެ އިތުރުން އިތުރު ހެއްކަކު ހުށަހެޅުމަށް މީގެކުރިން ދައުލަތުން އެދުނު ނަމަވެސް އެ ފުރުސަތު ނުދޭން ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފައެވެ.