ޖެކްސަންވިލް (މޭ 22): އެމެރިކާގެ ފްލޮރިޑާ ސްޓޭޓުން މިނި މަސްކާ ކިނބޫތަކެއް ފެނިފައިވާ ކަމަށް ޔުނިވާސިޓީ އޮފް ފްލޮރިޑާގެ ސައިންސުވެރިން ބުނެފި އެވެ.

ސައިންސުވެރިން ބުނި ގޮތުގައި އެފްރިކާއަށް ނިސްބަތްވާ ނައިލް ކިނބުލަކީ އާއްމުކޮށް އިންސާނުންނަށް ހަމަލާދޭ ބާވަތުގެ ކިނބުލެކެވެ. އެބާވަތުގެ ކިނބުލުގެ ސަބަބުން ކޮންމެ އަހަރަކު 200 ވަރަކަށް މީހުން މަރުވާ ކަމަށް ސައިންސުވެރިން ބުންޏެވެ.

ތިން އަހަރު ތެރޭގައި ފްލޮރިޑާއިން އެބާވަތުގެ ތިން ކިނބޫ ފެނިފައިވާ އިރު، އެކިނބޫތައް އެމެރިކާ އަށް ދިޔަ ގޮތެއް ނޭނގޭ ކަމަށާއި އެއީ ކޮން ބާވަތެއްގެ ކިނބޫ ކަން ޔަގީން ކުރީ ޑީއެންއޭ ޓެސްޓު ހެދުމަށް ފަހު ކަމަށް ފްލޮރިޑާ ޔުނިވާސިޓީން ބުންޏެވެ.

ނައިލް ކިނބުލަކީ ހަ މީޓަރަށް ދިގުވާ ކިނބުލެއް ކަމަށާއި އެ ބާވަތުގެ އިތުރު ކިނބޫ ފްލޮރިޑާ އިން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމާ ބެހޭ މާހިރުން ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން، ނައިލް ކިނބޫ ފްލޮރިޑާގައި އާލާވެ، އެސްޓޭޓުގެ ގުދުރަތީ މާހައުލަށް ގެއްލުން ވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ވެސް މާހިރުން ވިދާޅުވި އެވެ. (ބީބީސީ)