12 May 2011, 12:54
ޑޮލަރުގެ އަގު ބޮޑުކުރުމާ ގުޅިގެން ފާމަސީ ތަކުން ވިއްކާ ބޭހުގެ އަގު ވެސް 30 ޕަސެންޓް ބޮޑުކޮށްފި އެވެ.
މިދިޔަ މަހުގެ ކުރީ ކޮޅު ސަރުކާރުން ޑޮލަރުގެ އަގަށް ގެނައި ބަދަލާއި އެކު އާންމުކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކާ ތަކެއްޗާއި އެކި ފަރާތްތަކުން ދޭ ވިޔަފާރި ހިދުމަތްތަކުގެ އަގުވަނީ 30 ޕަސެންޓް ބޮޑުވެފަ އެވެ. އެއާއެކު ސިއްހީ ދާއިރާގެ ހިދުމަތް ތަކުގެ އގުތައް ވެސް ވަނީ ގާތްގަނޑަކަށް 20 ޕަސެންޓާއި 30 ޕަސެންޓާއި ދެމެދަށް މައްޗަށް ޖައްސާފަ އެވެ. އެގޮތުން މާލޭގައި ހިންގާ ފާމަސީތަކުން ބޭސްވިއްކާ އަގަށް ވަނީ ފަސްރުފިޔާ އާއި 10ރ އާ އިތުރުކޮށް 20 ޕަސެންޓާއި 30 ޕަސެންޓަށް ބޭހުގެ އަގު ބޮޑުކޮށްފަ އެވެ.
މި ހަފްތާ ނިމެންދާއިރު މާލޭގެ ވަކި ވަކި ފާމަސީތަކުން ބޭސްވިއްކާ އަގަށް ބަލާއިރު ފުޅާ ދާއިރާއެއްގައި ބޭހުގެ ވިޔަފާރި ކުރާ އޭއެމްޑީސީ ފާމަސީތަކުން މިއަދު ބުނީ ލަންކާއާއި އަދި އިންޑިއާއިން އެތެރެކުރާ ހުރިހާ ބޭހެއްގެ އަގުވެސް 20 ޕަސެންޓަށް ބޮޑުކޮށް ބައެއް ބޭސްތަކުގެ އަގުތައް 40 ޕަސެންޓައް ބޮޑުކޮށްފައިވާނެ ކަމަށެވެ.
"ކުރިން 40ރ. އަށް ވިއްކި ޕެނެޑޯލް ފޮށި ވެސް މިހާރު މި ވިއްކަނީ 45 ރ. އަށް. އަދި ކުޑަކުދިންނަށް މިދޭ އާދައިގެ ޕެނެޑޯލް ސިރަޕް ފުޅިވެސް މި ވިއްކަނީ 200ރ. އަށް. ކުރިން ވިއްކީ 150ރ އަށް،" އޭއެމްޑީސީ ފާމަސީގައި މަސައްކަތްކުރާ ފާމަސިސްޓަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.
އޭއެމްޑީސީގެ އިތުރުން ގިނަ ފާމަސީތަކެއް ހިންގާ ޕޮއިންޓް ފާމަސީ އާއި އޭޑީކޭ ފާމަސީ އަދި އޭޑީކޭ ހޮސްޕިޓަލް ކުރިމަތީ ހުންނަ އެހެން ކުދި ފާމަސީ ތަކުންވެސް ބޭހުގެ އަގުވަނީ ގާތްގަނޑަކަށް 30 ޕަސެންޓަށް ބޮޑުކޮށްފަ އެވެ.
"މިތަންތަނުންވެސް މިހާރު ހުރިހާ ބޭހެއްގެ އަގައް ވަނީ ގާތްގަނޑަކަށް ފަސް ރުފިޔާ އިތުރުވެފައި،" އެ ފާމަސީތަކުން ވާހަކަދެއްކިން ފާމަސިސްޓުން ބުންޏެވެ.
ފާމަސީތަކުން ވިއްކާ ބޭސްތަކުގެ އަގު ބޮޑުވިއިރު މި ހަފުތާ ތެރޭގައި ސިއްހީ ހިދުމަތްދޭ ކްލިނިކް ތަކުންވެސް ވަނީ އެތަންތަނުން ދޭ ހިދުމަތް ތަކުގެ އަގު 20 ޕަސެންޓް ބޮޑުކޮށްފަ އެވެ. އަދި ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭއިންވެސް ވަނީ އެތަނުން ދޭ ހިދުމަތް ތަކުގެ އަގު ބޮޑުކޮށްފަ އެވެ.