އދ. މަހިބަދޫ ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި ޕްރިޕެއިޑް ކާޑުތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި އެރަށުން މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާ އާއި އެހެނިހެން ތަކެތި ހޯދައިފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ވައްކަން ކޮށްފައި ވަނީ މަހިބަދޫ "ފަރިމޫ" ފިހާރައިންނެވެ. ފުލުހުން ބުނީ އެ ފިހާރައިން ވައްކަން ކޮށްފައި ވަނީ ދޮރު ހަލާކުކޮށްލައިގެން ވަދެ ކަމަށެވެ.

ވައްކަމުގެ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މައްސަލަ ރިޕޯޓު ކުރުމުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހުކުރު ދުވަހުގެ ރޭ 2:30 އެހާކަން ހާއިރު މާލެ ފުރުމަށް އެރަށު ދެކުނު ފަރާތު ބަނދަރުމަތީގައި ހުއްޓާ ކަމަށް ފުލުހުން ބުނެ އެވެ.

ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާ ލައިގެންހުރި ޓައިޓްގެ ތެރެއިން 45,700 ރުފިޔާ ފެނިފައިވާ ކަމަށާއި، ކޯޓު އަމުރެއްގެ ދަށުން އެ މީހާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު އެ ގެއިން 7,370 ރުފިޔާ އާއި 50ރ ގެ 16 އުރީދޫ ފޯންކާޑް އާއި 100ރ ގެ 23 އުރީދޫ ފޯންކާޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެތަކެތި ހޯދާފައި ވަނީ އެގޭގެ ގިފިލި ތެރޭގައި ސިމެންތިން ރާނާފައި ހުރި ތާންގީއެއްގެ މަތީ އޮތް ކުނަލަކަށްލައި އޮޅާލާފައި އޮއްވަ އެވެ.

މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފަ އެވެ.