ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުތަކަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ޖޫން މަހުގެ ތެރޭގައި އަމަލު ކުރެވެން ފަށާނެ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި ބަދަލަށް ކުރަން ފެށުމާއެކު ޕެންޝަން ސްކީމުގެ ބައިވެރިންނަށް އަމާޒުކޮށްގެން ޕެންޝަން ފަންޑުގައިވާ ފައިސާ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުތަކަށް ކޮލަޓަރަލައިޒު ކުރެވޭނެ ސްކީމެއް ޕެންޝަން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ހިންގާނެ އެވެ. އެ ސްކީމުގެ ދަށުން ރާއްޖޭގެ ކޮންމެ ސަރަހައްދަކު ވެސް ހިންގާ ގެދޮރުވެރިގުރުމުގެ ޕްރޮގުރާމްތަކުގައި ބައިވެރިވެވޭނެއެވެ.

ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު މިއަދު "ސަން"އަށް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ އެ ސްކީމަށް ބޭނުންވާ ގަވާއިދު ހެދުމާއި ލޯނު ދޫކުރާއި މާލީ އިދާރާތަކާއެކު ހަދަންޖެހޭ އެއްބަސްވުންތައް ހެދުން ކަމަށާއި އެ މަަސައްކަތްތައް ނިމި އަންނަ ޖޫންމަހުގެ ތެރޭގައި އެ ސްކީމް ތައާރަފް ކުރެވޭނެ ކަމަށެވެ.

"ތިން މަސް ވާނެ ވާހަކައެއް ނޫން، މި ބަލަނީ ކުރިއަށް އޮތް ތިން މަސް ތެރޭގައި އާންމުކޮށްލެވޭތޯ، މިހާރު އެ ގަވައިދު ތައްޔާރުކޮށް ޑިސްކަސް ކުރަމުންދަނީ، މިކޮޅު ބޯޑުން ފާސްކުރީމަ އެގެޒެޓްކޮށްފައި ގަވައިދު އާންމު ކުރެވޭނެ، ގަވައިދު އާންމު ކުރެވޭ ހިސާބުން އެއޮތީ ފުރުސަތު ހުޅުވާލެވިފައި." ސުޖާއު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ބިލް ތަސްދީގު ކުރައްވާފައިވާއިރު އެ ބިލަށް އަމަލު ކުރުމަށް ވަނީ ތިން މަސް ދުވަހުގެ މުއްދަތެއް ދީފައެވެ. އެ މުއްދަތު ހަމަވާނީ ޖުލައި މަހުގެ 28 ވަނަ ދުވަހަށެވެ.

އެ ސްކީމުގެ ދަށުން ފައިސާއެއް ދުލެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި ޕެންޝަން ފަންޑުން ބޭންކުތަކަށް ދޭނީ ގެރެންޓީއެކެވެ. އެއީ އެ މީހަކު އޭނާގާ ލޯން ނުދެއްކޭ ހާލަތުގައި ދެއްކުމަށް ދައްކަންޖެހޭ ޕަސެންޓެވެ.

އިސްލާހުގައި ބުނެފައި ވަނީ އިމާރާތްކޮށް ނިންމާ އަދި އާއްމުކޮށް ހުޅުވާލައިގެން ވިއްކާ، ގެދޮރު ގަތުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓުގެ ފައިސާ އެ މީހެއްގެ ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން ޕެންޝަން ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ކޮލަޓަރަލައިޒު ކުރެވިގެންދާނެ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހިނދަކު ކޮލަޓަރަލައިޒުކުރެވޭ ފައިސާ އަކީ ލޯނު ނެގި ފަރާތުން ލޯނު އަނބުރާ ނުދެއްކޭ ހާލަތުގައި ކޮލަޓަރަލް ގަބޫލުކުރާ ނުވަތަ ލޯނު ދޫކުރާ ފަރާތުގެ މަންފާއަށް ބެހެއްޓޭ ފައިސާއެއް ކަމަށެވެ.