އައްރިއްގާ (މޭ 22) : އިންޑިއާގެ މުސްލިމުން ހިންދޫންނާ ދެކޮޅަށް ބަދަލުހިފަން ޖެހޭ ކަމަށް ބުނެ އިންޑިއާގެ އެކިތަންތަނަށް ޓެރަރިސްޓް ޙަމަލާތައް ދޭނެކަމުގެ އިންޒާރު އައިއެސް ޖަމާއަތުން ދީފި އެވެ.

އައިއެސް އިން ނެރެފައިވާ ވީޑިއޯ ޓޭޕެއްގައި ބުނެފައި ވަނީ އިންޑިއާގެ މުސްލިމުން ހިންދޫންނާ ގުޅިގެން ސުލްޙަވެރިކަމުގައި އުޅެން ނުޖެހޭ ކަމަށާ އެއީ އައިއެސްގެ ފިކުރާ މުޅިން ޚިލާފް ކަމެއްކަމުގަ އެވެ. މި ވީޑިއޯ އިން ވާހަކަ ދައްކަނިކޮށް ފެންނަ އަބޫސަލްމާން އަލްހިންދީއަކީ އައިއެސްގެ ޚިލާފަތާ ގުޅުމަށް އިންޑިއާ އިން ސޫރިޔާއަށް ދިޔަ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާއަކީ ސޫރިޔާގެ ޙިމްސްގައި އައިއެސް ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އައިއެސްގެ އެކްޓިވިސްޓެއްކަމަށްވެ އެވެ. އޭނާ ވަނީ އިންޑިއާގެ މުސްލިމުން ހިންދޫންނާ ދެކޮޅަށް ބަދަލުހިފުމުގެ ޙަމަލާތައް ދޭންޖެހޭ ކަމަށާ އެފަދަ ޙަމަލާތަކަކީ "ޖިހާދު" ކަމަށް ސިފަކޮށްފަ އެވެ.

އަބޫސަލްމާން އަލްހިންދީ އެވީޑިއޯގައި ބުނެފައި ވަނީ އިންޑިއާގެ ގުޖުރާތުގައި މީގެ އަހަރުތަކެއް ކުރިން މުސްލިމުންނާ ދެކޮޅަށް ހަރުކަށި ހިންދޫން ހިންގި ޖަރީމާތަކުގެ ބަދަލު މުސްލިމުންނަށް ނުހިފޭ ކަމަށާ އަދި އެޖަރީމާތައް ހިންގުމުގެ ފަހަތުގައިވާ ހިންދޫންގެ ބޮޑުންނަށް އެކަމުގެ އަދަބު ނުލިބޭކަމުގަ އެވެ. ގުޖުރާތުގައި މީގެ އަހަރުތަކެއް ކުރިން މުސްލިމުންނާ ދެކޮޅަށް އެސްޓޭޓްގެ ހަރުކަށި ހިންދޫން ހިންގި ޖަރީމާތަކުގައި އެތަށް ސަތޭކަ މުސްލިމުން މަރާލައި އިތުރު އެތައް ހާސްބަޔަކު ޒަޚަމްކޮށް އެމީހުންގެ ގެދޮރު އަންދާލި ޖަރީމާތައް ހިންގިއިރު އެސްޓޭޓްގެ ޗީފް މިނިސްޓަރަކަށް ހުންނެވީ އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އެވެ.

ގުޖުރާތުގެ ހައްދު ފަހަނަޅާފައިވާ ހިންދޫން ހިންގި އެޖަރީމާތަކަށް ބީރު ކަންފަތެއް ދެއްވައި އެކަމާ އަޅާނުލައްވައި ހުންނެވި ކަމުގެ ތުހުމަތު މޯދީގެ މައްޗަށް ކުރެވިފައިވެ އެވެ. މިކަމުގެ ސަބަބުން މޯދީއަކީ މުސްލިމުންނާ އިދިކޮޅު ބޭފުޅެއްކަމަށް ވެސް ލޭބަލް ވެގެން ގޮސްފައިވެ އެވެ. ގުޖުރާތުގައި ހަރުކަށި ހިންދޫން ހިންގި އެޖަރީމާތަކަށް ފަހު އެމެރިކާއިން މޯދީއާ ދެކޮޅަށް ބައެއް ފިޔަވަޅުތައް އެޅިނަމަވެސް އެފިޔަވަޅުތައް ފަހުންވަނީ އުވާލާފަ އެވެ. މޯދީ ދާދިފަހުން ވަނީ އިންޑިއާގައި ގެރިއެއް ކަތިލި މުސްލިމަކު މަރާލި ޖަރީމާ ވެސް ކުށްވެރި ކުރައްވާފަ އެވެ. މި ޖަރީމާ ވެސް ހިންގާފައި ވަނީ ހިންދޫންގެ ހައްދު ފަހަނަޅާފައިވާ މީހެކެވެ.

އައިއެސް އިން ނެރެފައިވާ ވީޑިޔޯ ޓޭޕްގައި ވާހަކަ ދެއްކި އަބޫސަލްމާން އަލްހިންދީ ވަނީ ގުޖުރާތުގެ އިތުރުން ކަޝްމީރުގައި އިންޑިއާ ސިފައިން އެސްޓޭޓްގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތަކަށް ވެސް ބަދަލު ހިފަން ގޮވާލާފަ އެވެ. އަދި އިންޑިއާގެ ބާބްރީ މިސްކިތުގެ ހާދިސާ އަށް ބަދަލުހިފުމުގެ ގޮތުންވެސް ޓެރަރިސްޓް ހަމަލާތައް އިންޑިއާގެ އެތެރޭގައި ރާވައިގެން ހިންގުމަށް އައިއެސްގެ ޓެރަރިސްޓް އެކްޓިވިސްޓް އަބޫސަލްމާން ވަނީ ހިއްވަރު ދީފަ އެވެ.

އައިއެސްއަކީ ބަދަލު ހިފުމުގެ ރޫހެއްގައި އުފައްދާފައިވާ ޖަމާއަތެކެވެ. އިރާގާއި ސޫރިޔާގައާއި އެނޫން ވެސް ގައުމުތަކުގައި އެޖަމާއަތުން ކުރަމުން ގެންދަނީ އިސްލާމް ދީނާ މުޅިން ޚިލާފު ބަދަލުހިފުމުގެ ލާއިންސާނީ ޖަރީމާތަކެކެވެ. މީގެ އިތުރުން އިސްލާމީ ޚިލާފަތެއްގެ ނަމުގައި މުސްލިމް ގައުމުތައް އަޅުވެތި ކުރުމަކީ ވެސް އައިއެސްގެ އަމާޒެކެވެ. އައިއެސް އިން މުސްލިމުންގެ ދިފާއުގެ ނަމުގައި ވާހަކަ ދެއްކި ނަމަވެސް ޣައިރު މުސްލިމުންނަށްވުރެ ވެސް ބޮޑަށް އެޖަމާއަތުގެ އަނިޔާވެރިކަމުގައި ޝިކާރަކޮށްލެވެނީ މުސްލިމުންނެވެ. ޚާއްސަކޮށް ސުންނީ މުސްލިމުންނެވެ. ބަދަލު ހިފަން ބޭނުންވާ ފަރާތްތަކުން އިސްލާމީ ޖިހާދުގެ ނަން ކުރިޔަށްނެރެ މުސްލިމް ޒުވާނުންނަށް ޖިހާދުގެ މާނަ އޮޅުވާލައި މުސްލިމް ޒުވާނުންގެ ކިބާގައިވާ ފޯރިއާއި ޖޯޝް ގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްގެން އައިއެސްގެ މަކަރުގެ ދަލުގައި މުސްލިމް ޒުވާނުން ޖައްސާކަމަށް މުހައްލިލުން ވިދާޅުވެ އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގައި ހުރިހާ ގައުމުތަކަކުން ވެސް އައިއެސްގެ ބޭނުން (އެގައުމުތަކުގެ އަމިއްލަ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ޓަކައި) ހިފަމުންދެ އެވެ. މިގޮތުން އެމެރިކާއާއި ތުރުކީއާއި އީރާނާއި ސޫރިޔާއާ އަދި ގަލްފުގެ އަރަބި ގައުމުތަކުން ވެސް އެގައުމުތައް ބޭނުންވާ ކަންކަން ޙާސިލް ކުރުމަށް ޓަކައި އައިއެސް އަށް ސިއްރިޔާތުގައި އެއްބައިފަހަރު އެހީތެރިވެފައި އަނެއްބައިފަހަރު ހަމަލާތައްދީ އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދާކަމަށް ކަމާ ބެހޭ ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)