އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ލަލިތުޕޫރުގައި ދިރިއުޅޭ ޝަކުން ރައިކްވާރަކީ މީގެ ފަސް އަހަރު ކުރިން ހުވަފަތް ވެފައިވާ އަންހެނެކެވެ. އޭނާގެ ދެ ކުދިން ދުނިޔޭގައި ތިބި އިރު އުޅެންޖެހިފައި ވަނީ ވަރަށް ވެސް ދަތި ހާލެއްގަ އެވެ.

ޝަކުން ދިރިއުޅޭ ބުންދެލްޚަންދު ސަރަހައްދަކީ ހަނަފަސްވެފައިވާ ތަނެކެވެ. ދަނޑުވެރިކަން ކުރެވޭ ވަރަށް ވުރެ ހޫނު ގަދަ އެވެ. ދަނޑުބިންތައް ވަނީ އެކީ މަރުވެފަ އެވެ. ފެން ފޮދެއް ހޯދަން ކުރަން ޖެހޭ މަސައްކަތް ބުރަ އެވެ. އެ ސަރަހައްދުގެ ރައްޔިތުން ވަނީ ނިކަމެތިވެފަ އެވެ. އޭގެ ތެރެއިން ވެސް ޝަކުންގެ ނިކަމެތިކަން ބޮޑެވެ.

ޖެހިފައިވާ ދަތި ހާލު ޝަކުންގެ މޫނުމަތިން ރަނގަޅަށް ފެނެ އެވެ. ބަނޑުހައިހޫނުކަމަކީ އޭނާ އަށް ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު ހަނގުރާމަ އެވެ. އެ ހާލުގައި ޝަކުން އުޅޭތާ މިހާރު 12 އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. ބާރަ އަހަރު އޭނާގެ ބަނޑުހައިހޫނުކަން ފިލުވުމަށް ބޭނުން ކުރި "ކާނާ" އަކީ ކިސަޑެވެ.

ޝަކުންގެ އަވައްޓެރިން ކިޔައިދީފައިވާ ގޮތުން، ކައިރި ގެތަކުން ބައެއް ފަހަރު ޝަކުން އަށް ކާނެ އެއްޗެއް ނުވަތަ ފެންފޮދެއް ދިއްކޮށްލަ އެވެ. އެކަމަކު އެއްވެސް މީހެއްގެ ފަރާތުން އެހީއެއް ނުލިބިއްޖެ ނަމަ ޝަކުން ބަނޑުހައިހޫނުކަން ފިލުވަނީ ކިސަޑު ކައިގެންނެވެ.

ހަށިގަނޑަށް ލިބެންޖެހޭ ކާނާ ނުލިބުމުގެ ސަބަބުން ޝަކުންގެ ބަނޑު ވަނީ މުޅިން ހަރުވެފަ އެވެ. އިންޑިއާގެ ނޫހެއް ކަމުގައިވާ ކެޗް ނިއުސްގައި ބުނެފައިވާ ގޮތުން، ޝަކުންގެ ބަނޑު ހީވަނީ "ހަރު ހިލަގަނޑެއް" ހެންނެވެ.

"އަހަންނަކަށް މަސައްކަތެއް ނުކުރެވޭ. ފެން ހޯދާކަށް ނުދެވޭ. އަބަދުވެސް ހުންނަނީ ބަނޑުގައި ރިއްސާފައި. ބޭރަށް ހިންގުމުގެ މައްސަލަ ވެސް ވަރަށް ބޮޑު. އަބަދުވެސް ޖެހެނީ ފާހާނާއަށް ދާން. މިހާރު ކާ އެއްޗެހި ހަޖަމުވެސް ނުކުރެވެ،" ޝަކުން ބުނެފައިވެ އެވެ.

ޝަކުންގެ ދެ ކުދިންވެސް އުޅެނީ ހަމަ އެެފަދަ ހާލެއްގަ އެވެ. ސަލާން ޖަހައިގެން ކާ އެތިކޮޅެއް ލިބުނު ނަމަވެސް، އެ ކުދިން ވެސް ދިރިއުޅެނީ ގިނައިން ކިސަޑު ކައިގެން ކަމަށްވެ އެވެ.

ޝަކުން ދަންނަ މީހުން ކިޔައިދީފައިވާ ގޮތުން، މިއަދު ޝަކުން އަށް އެހާ ދަތި ހާލެއް ޖެހިފައިވަނީ ފިރިމީހާ މަރުވުމުގެ ސަބަބުން އެހީތެރިވާނެ އެކަކުވެސް ނެތީމަ އެވެ.

"ފާރުގައި ހުންނަ ކިސަޑުވެސް ކަހައިގެން ކައި ހުސްކޮށްފަ ހުރީ،" ޝަކުން އާ ބެހޭގޮތުން މީހަކު ބުނެފައިވެ އެވެ. (ކެޗް ނިއުސް)