އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މަނިޕޫރު ޑިސްޓްރިކްޓަށް ނިސްބަތްވާ 16 އަހަރުގެ އަޖޭ ކުމާރަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. އުފެދުމުގައި ހުރި އުނިކަމެއްގެ ސަބަބުންގެ އޭނާގެ ދެ އަތް އާދަޔާ ހިލާފަށް ކުޑަ އެވެ. އަދި ދެ އަތުގެ ހެދިބޮޑުވުން ހުއްޓިފައިވާ އިރު، ދެ އަތުން މަސައްކަތް ކުރުމަކީ އަޖޭ އަށް ނުކުރެވޭ ކަމެކެވެ.

ނަމަވެސް އަޖޭ ގަބޫލުކުރާ ގޮތުގައި އެއީ އޭނާގެ އުނގެނުމަށާއި ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އޮތް ހުރަހެއް ނޫނެވެ. އޭނާ ވަނީ އެކަން ވަރަށް ރަނގަޅަށް ސާބިތު ވެސް ކޮށްދީފަ އެވެ.

ދާދި ފަހުން އަޖޭ ވަނީ އޭނާގެ ގްރޭޑް 12ގެ އިމްތިހާނުތައް ހަދައިފަ އެވެ. ފައިގެ ދެ އިނގިލި ދޭތެރޭގައި ގަލަން ބައިންދައިގެންނެވެ.

އަޖޭ ފައިން އިމްތިހާނު ހެދި ނަމަވެސް، ނަތީޖާ ވަރަށް ފުރިހަމަ އެވެ. އޭނާ ހޯދި ނަތީޖާ އިން އެތައް ބަޔަކު ވަނީ ހައިރާންކޮށްލައިފަ އެވެ.

އިމްތިހާނުގައި އޭނާ ވަނީ 71 ޕަސެންޓު މާކްސް ހޯދައި، ފާސްވެފަ އެވެ. އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން އަޖޭ ބުނެފައި ވަނީ ލިޔުމުގެ އިތުރުން، އޭނާއަށް ފަރިތަކަމާ އެކު ފައިން ލެޕްޓޮޕް ކުޅެލާ، ގޭގެ ބައެއް މަސައްކަތްތައް ވެސް ކޮށްލެވޭ ކަމަށެވެ.

އަޖޭ ގަބޫލުކުރާ ގޮތުގައި ނުކުޅެދުންތެރިކަމަކަށް ވެސް މީހެއްގެ އަޒުމެއް ނުހުއްޓުވޭނެ އެވެ. ހިތުގައި ވަރުގަދަ އަޒުމެއް އޮވެގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ވާނެ އެވެ.

އެ އަޒުމާ އެކު، އަޖޭ މިހާރު އެންމެ ބޭނުން ވަނީ އިންޖިނިއަރަކަށް ވުމަށެވެ. އެއީ އޭނާ އެންމެ ކުޑައިރުން ފެށިގެން ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމެވެ. (އޭޝިއަން ނިއުސް އިންޓަނޭޝަނަލް)