22 May 2016, 10:31
ގައުމު ދެކެ ލޯބިވާ މިންވަރާއި ގައުމުގައި އޮންނަ ސަރުކާރަށް ތާއިދު ކުރާ މިންވަރު ސާބިތުކޮށް ދިނުމުގެ ގޮތުން ގައުމުގެ އެކި ރައްޔިތުން ކުރާނީ އެކި ކަންތަކެވެ. އެގޮތުން، ޗައިނާގައި އަލަށް ކައިވެނި ކުރި ދެމަފިރިން ކައިވެނީގެ ފުރަތަމަރޭ ހޭދަ ކޮށްފައި ވަނީ އެ ގައުމުގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ގާނޫނު އަސާސީ އަތުން ލިޔުމުގަ އެވެ.
ޗައިނާގެ ސޯޝަލް މީޑިއާ ސައިޓް، ވީބޯގައި ޝެއާ ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން ލީ ޔުންޕެން އާއި ޗެން ޝުއަން އެމީހުންގެ އަލަތު ކައިވެނީގެ ރޭ 17،000 އަށް ވުރެ ގިނަ ބަސް އެކުލެވިގެންވާ ގާނޫނު އަސާސީ ލިޔުމުގައި ހޭދަ ކޮށްފައި ވަނީ އެރެއަކީ އެމީހުންނަށް ހަނދާން ނުނެތޭނެ ފަދަ އުފާވެރި ރެއަކަށް ހެދުމަށްޓަކަ އެވެ.
ސޯޝަލް މީޑިއަގައި ޔުންޕެން އާއި ޗެންގެ ވާހަކަ އެންމެ ފުރަތަމަ ހިއްސާ ކުރީ އެ ދެ މީހުން މަސައްކަތް ކުރާ ނަންޗަންގް ރެއިލްވޭ ބިއުރޯ އިންނެވެ. އެބިއުރޯ އިން އާއްމު ކުރި ޕޯސްޓުގައިވާ ގޮތުން ލީ ޔުންޕެންގަކީ އެބިއުރޯގެ ވޯކްޝޮޕެއްގައި މަސައްކަތް ކުރާ އެސިސްޓެންޓް އިންޖިނިއަރެކެވެ. އަދި ޗެން ޝުއަންއަކީ އެބިއުރޯގެ މެއިންޓެނެންސް ވޯކްޝޮޕްގެ އެސިސްޓެންޓެކެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ނަންޗަންގް ރެއިލްވޭ ބިއުރޯ އިން ދަނީ ގާނޫނު އަސާސީ އަތުން ލިޔުމަށް މުވައްޒަފުންނަށް ހިތްވަރުދޭ 100 ދުވަހުގެ ކެމްޕެއިނެއް ހިންގަމުންނެވެ. ލީ އާއި ޗެން ކައިވެނީގެ ފުރަތަމަ ރޭ ގާނޫނު އަސާސީ ކޮޕީ ކުރުމުގައި ހޭދަ ކުރީ އެހެންވެ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އަދި ކުންފުނީގެ މަގުސަދަކީ އެދެމީހުން ބޭނުން ކޮށްގެން އެކުންފުނީގެ މުވައްޒަފުން ޗައިނާގެ ވެރިކަން ކުރާ ޕާޓީއަށް ތާއިދު ކުރާ މިންވަރު ދެއްކުން ކަމަށް އެފަރާތްތަކުން ބުނެ އެވެ.

ޗެން ޝުއަން އާއި އޭނާގެ ފިރިމީހާ، ލީ ޔުންޕެން ޗައިނާގެ ގާނޫނު އަސާސީ ލިޔަނީ -- ފޮޓޯ: ނަންޗަންގް ރެއިލްވޭ ބިއުރޯ
ކޮންމެއަކަސް، ފޮޓޯތަކުން ފެނިގެން ދަނީ ޗައިނާގެ ސަގާފީ ކައިވެނި ހެދުމެއް ލައިގެން ހުރި ޗެން އާއި ކޯޓު ފަޓޫލޫނު ލައިގެން ހުރި ޔުންޕެން އެކަމާ ވަރަށް ގަޔާވެގެން ތިބެ ޗައިނާގެ ގާނޫނު އަސާސީ ލިޔާ މަންޒަރެވެ.