ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓް ހިންގަމުންދަނީ ރަށު ކައުންސިލް އިމާރާތުގެ ބައެއްގައި ކަމަށް ބުނެ ދެ މަސް ދުވަހުގެ ތެރޭގައި އެ އިމާރާތް ހުސްކޮށް، ރަށު ކައުންސިލާ ހަވާލުކުރުމަށް ކައުންސިލްގެ މެންބަރުން ސޮއިކުރައްވާ ގަރާރެއް ނެރެފި އެވެ.

ކައުންސިލް އިދާރާގެ ނާއިބް ރައީސް އަދި ވަގުތީ ގޮތުން އެ ކައުންސިލް ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު ޝިޔާޒު މިއަދު ވިދާޅުވީ ވާދޫ މެޖިސްޓްރޭޓް ކޯޓް މިހާރު ހިންގަމުންދަނީ ވާދޫ ކައުންސިލްގެ އިދާރާގައި ކަމަށާއި ކައުންސިލް އިންތިހާބަށްފަހު އިމާރާތުގެ ދަތި ކަން ކުރިމަތިވެގެން އިމާރާތް ހުސްކުރުމާ ބެހޭ ގޮތުން މެޖިސްޓްރޭޓް ކޯޓާ ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ކައުންސިލުން ގަރާރެއް ނެރުނީ ކައުންސިލްގެ ހުއްދައެއް ނެތި އެ އިމާރާތުގައި ފާރެއް ރާނައި އެއިމާރާތް ވަކިކޮށްލަން ވާދޫ ކޯޓުން އުޅުމުން މިމަހުގެ 19 ގައި ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝިޔާޒް ވިދާޅުވީ ކައުންސިލުން އިމާރާތް ހުސްކުރުމަށް މެޖިސްޓްރޭޓް ކޯޓަށް އެންގީ ކައުންސިލްގެ އެދުމުގެ މަތިން ކޯޓުން އިމާރާތް ހުސް ނުކުރުމުން އެކަމާބެހޭ ގޮތުން އަތޮޅު ކައުންސިލާވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ.
" ކުރީގެ ސަރުކާރުން މެޖިސްޓްރޭޓް ކޯޓް ވަގުތީ ގޮތުން ހިންގުމަށް ދީފައިވަނީ ކައުންސިލް އިދާރާ ހުންނަ އިމާރާތުގެ ބައެއް، ލޯކަލް ކައުންސިލްގެ އިންތިހާބްގެ ކުރިންވެސް އެއިމާރާތުގައި ހުންނަނީ ފާރު ރާނާއި ވަކިކޮށްފަ. ގޯތިތެރެ ފާރު ރާނައި ވަކިކުރަން އުޅުމުން މައްސަލަ އަތޮޅު ކައުންސިލަށް ހުށަހަޅައި، ފިޔަވަޅު އަޅަން ނިންމީ،" ކައުންސިލްގެ ނައިބް ވިދާޅުވި އެވެ.

ވާދޫ ކޯޓްގެ މެޖިސްޓްރޭޓް އަހުމަދު ރުސްދީ މިއަދު ވިދާޅުވީ ކުރީގެ ޤާނޫނު އަސާސީގެ ދަށުން ރަށު ކައުންސިލްގެ އިދާރާ ހުންނަ އިމާރާތަކީ އޭރުގެ ސަރުކާރުން ރަށްވެހިގެ އާއި ރަށު ކޯޓާއި ރަށު އޮފީސް ހިންގުމަށް އަޅާފައިވާ އިމާރާތެއް ކަމަށެވެ. އަދި ވާދޫ ކޯޓް ހުރި އިމާރާތަކީ ކުރީގެ ޖަސްޓިސް މިނިސްޓްރީގެ ތަނެއްގެ ގޮތުގައި އަތޮޅު އޮފީހުން ކޮށްފައިވާ ރަޖިސްޓްރީވެސް އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

" ރަށު ކައުންސިލްގެ އިދާރާ އިން ނެރެފައިވާ ގަރާރާ ބެހޭ ހުރިހާ މައުލޫމާތެއް ވާނީ ޖޭއެސްސީއަށް އަންގާފަ، ޖޭއެސްސީން އެހެންތަނެއް ދައްކައިފިނަމަ އެތަނަކަށް ބަދަލުވާނަން. އެނޫން ގޮތަކަށް އެތަން ހުސްކުރެވޭކަށް ނެތް،" ރުސްދީ ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ޖޭއެސްސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.